އިންޑިއާގެ ނިއު ދިއްލީގައި ލޮލުގެ ފަރުވާއަށް ހާއްސަ އައި7 ހޮސްޕިޓަލެއްގައި ރޯވެ އަނދަމުންދާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދިއްލީގެ ލަޖްޕަތު ނަގަރުގެ ލޮލުގެ ފަރުވާއަށް ހާއްސަ އެ ހޮސްޕިޓަލުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް 12 ފަޔާ އިންޖީނަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދިއްލީ ފަޔަރ ސަރވިސަސް (ޑީއެފްއެސް) ގެ އޮފިޝަލަކު ވިދާޅުވީ، މި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އިންޑިއާގެ ހޮސްޕިޓަލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް

އެ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 11:30 ހާއިރުއެވެ. އޮފިޝަލް ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެ ހޮސްޕިޓަލް ހުންނަނީ ލަޖްޕަތު ނަގަރް ސަރަހައްދުގައި ހުންނަ ވިނޯބަޕޫރީ މެޓްރޯ ސްޓޭޝަން ކައިރީގައެވެ.

އައި7 ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ދިއްލީގެ ޕަޝްޗިމް ވިހާރުގެ އައި މަންތުރާ ހޮސްޕިޓަލުގައި އަނެއްކާވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިތާ ދުވަސްކޮޅެއް ފަހުންނެވެ. އަލިފާން ރޯވެފައިވަނީ އެ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައެވެ.