އީރާނުގެ އިރުދެކުނު ސިސްތާން-ބަލޫޗިސްތާން ޕްރޮވިންސްގައި އޮންނަ ޗަބަހާރު ޕޯޓުގެ ސަބަބުން އޭޝިޔާ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ގައުމުތަކުގެ ވިޔަފާރި ފުޅާވެގެންދާނެއެވެ.

އިންޑިއާ އާއި އީރާނާ ދެމެދު އޮތް ގުޅުމުގައި ޗާބަހާރުގެ ޝާހިދު ބެހެޝްތީ ބަނދަރު ޓާމިނަލް ތަރައްގީ ކުރުމަށް ދިގުމުއްދަތުގެ ކޮންޓްރެކްޓެއްގައި އިންޑިއާ ޕޯޓްސް ގްލޯބަލް ލިމިޓެޑާއެކު މިފަހުން ސޮއިކުރުމަކީ ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. މި އެއްބަސްވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ބެލެވޭ އަދި ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުމާއި އިއްތިހާދު ފުޅާވެގެންދާނެ ކަމެއް ކަމަށް ދެ ގައުމުން ވެސް ދެކެއެވެ.

އެ ޕޯޓަކީ އީރާނުގެ ހަމައެކަނި ކަނޑާ ސީދާ ގުޅިފައިވާ ބަނދަރެވެ. 2003 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދަނީ އެ ބަނދަރު ތަރައްޤީކުރުމާއެކު އަފްޣާނިސްތާނާއި ސެންޓްރަލް އޭޝިއާގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން އިތުރުކުރުމުގެ އުއްމީދު ކުރަމުންނެވެ.

އެ އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ޗަބަހާރުގައި ވިޔަފާރީގެ ހަރަކާތްތައް ވަރުގަދަކޮށް، އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް ހޯދުމަށް ކުރިއަށްގެންދާނެ ކަމަށް ބެލެވޭ ފްރީ ޓްރޭޑް ޒޯނެއް ގާއިމްކުރުމެވެ. އިންޑިއާއިން ޗަބަހާރު ބަނދަރަށް ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު، ބަނދަރުގެ ސްޓްރެޓެޖިކް ލޮކޭޝަނާއި އިންފްރާސްޓްރަކްޗަރ އިތުރުވެ ޓްރާންސްޝިޕްމަންޓުގެ މުހިންމު ހަބަކަށް އެ ބަނދަރު ވެގެންދާނެއެވެ.

ޗަބަހާރުގެ ޖިއޮގްރަފިކަލް ލޮކޭޝަންގެ ފައިދާ ނަގައިގެން ޓްރާންސްޝިޕްމަންޓް ސެންޓަރެއްގެ ގޮތުގައި އެ ބަނދަރު ފާހަގަކޮށްލެވޭ ތަނަކަށް ވާނެއެވެ. އޭގެ ސަބަބުން އަފްޣާނިސްތާނާއި އީރާނާއި އިންޑިއާއާ ދެމެދު ވިޔަފާރި އިތުރުވެގެންދާނެ ކަމަށް މާހިރުން ބުނެއެވެ.

އެ ޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން އިންޓަނޭޝަނަލް ޓްރާންސްޕޯޓް އެންޑް ޓްރާންސިޓް ކޯރިޑޯ ގާއިމްކޮށް، އިންޑިއާ އާއި މެދުތެރޭ އޭޝިއާ، ޔޫރަޕް، އަފްޣާނިސްތާން، އަދި އެހެނިހެން ސަރަހައްދުތައް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކާއެކު ގުޅުން ގާއިމްކުރިއެވެ. 2018 ވަނަ އަހަރު އިންޑިއާ ޕޯޓްސް ގްލޯބަލް ލިމިޓެޑުން ވަނީ ޗަބަހާރުގެ ބައެއް މަސައްކަތްތަކާއި ހަވާލުވެފައެވެ. ޚާއްސަކޮށް މުޅި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންސާނީ އެހީތެރިކަން ބެހުމަށް މަގުފަހިކޮށްދިނުމުގައި އެ ބަނދަރުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައެވެ.

ޔޫއޭއީގައި އިތުރު ޑޮކިން ހަރަދެއް ނުކޮށް އީރާނަށް ސީދާ ކާގޯ ޝިޕްމަންޓް ކުރުމަށް މަގުފަހިކޮށްދިނުމުން، އިންޑިއާއިން އިރާނަށް ކުރާ އިންވެސްޓުމެންޓުތައްވެސް އިތުރުކުރެވިގެންދާނެއެވެ. އަދި އިންޑިއާއިން ތެޔޮ އިމްޕޯޓް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.