ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އަވަހާރަވި އިރާންގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާ ކުރިއަށް ދާއިރު، އިރާނުން ފެނިގެން ދަނީ އިންތިހާ އަށް ލޯތްބާއި އޯގާތެރިކަން ކަމުގައި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އިރާންގެ ރައީސްގެ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އާދަމް ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިރާންގައި ކުރިއަށް ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސީ އަވަހާރަވުމުން މުޅި އިރާން ވެސް ހިތާމަ ކުރަމުންދާ ކަމަށާއި އެމަނިކުފާނުގެ ޖަނާޒާއިން ވެސް އެ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން އިރާނުގެ ރައްޔިތުންގެ ހިތުގައި ރައީސީއަށް ދެވިފައިވާ ލޯތްބާއި ގަދަރު ހާމަވެގެން ހިނގައްޖެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައީސީގެ ޖަނާޒާއިން ފެނިގެންދިޔަ މަންޒަރުން އޭނާގެ ހިތަށް އިހްތިރާމާއި ޝަރަފުގެ ފުން އިހުސާސެއް ކުރެވިގެން ހިނގައްޖެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އިރާނާއި އަޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައި އަޒަރްބައިޖާންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޑިޒްމަރް ޖަންގަލި ތެރެއަށެވެ.

މި ހާދިސާގައި އިރާންގެ ރައީސް އިބްރާހިމް ރައީސީގެ އިތުރުން އިރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން، އަޒަރްބައިޖާންގެ އިރުމަތީ ސަރަހައްދުގެ ގަވަރުނަރު މާލިކް ރަހްމަތީ، ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް، ހެޑް އޮފް ޕްރެޒިޑެންޝިއަލް ގާޑް މަހްދީ މޫސާވީ ވަނީ އަވަހާރަވެފައެވެ.

އިރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިގޮތަށް ޖަނާޒާތަކަށް ދިއުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްބާ. ޚާއްސަކޮށް އިރާން ފަދަ ޝީޢީންނާއި ރާފިޟީންގެ ބޮޑު ބައި އޮންނަ މީހުންގެ