ކެންޔާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން އެގައުމުގެ ޤާނޫނު ހަދާ މަޖިލިސް އިދާރާގައި އަލިފާން ރޯކޮށްލައިފިއެވެ. މި މުޒާހަރާތަކުގައި މިހާތަނަށް 13 މީހުން ވަނީ މަރުވެފައެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކެންޔާގައި ޓެކްސްގެ އާ ހުށަހެޅުންތަކާއި ދެކޮޅަށް ވެރިރަށް ނައިރޯބީގައި މުޒާހަރާތައް އަންނީ ކުރަމުންނެވެ. މުޒާހަރާ ރޫޅާލަން ފުލުހުން ކުރި މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާވެފައިވާއިރު 13 މީހަކު ވަނީ މަރުވެފައެވެ. މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ލިބުމާއި، މުޒާހަރާއަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން އެމީހުން ވަނީ މަޖިލިސް އިދާރާގައި އަލިފާން ރޯކޮށްލާފައެވެ. މި މުޒާހަރާ ރޫޅާލުމަށް އެގައުމުގެ އަސްކަރިއްޔާއިންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އިއްޔެ ހަވީރު ގައުމާއި މުހާބަތު ކުރައްވާ ރައީސް ވިލިއަމް ރޫޓޯ ވިދާޅުވީ ގައުމުގެ ސަލާމަތާއި ހަމަޖެހުން ގެއްލިގެންދާ ފަދަ ހުރިހާ ކަމެއް ހުއްޓުވުމަށް ބާރަކާއި ހުރިހާ ވަސީލަތެއްގެ ބޭނުން ކުރާނެ ކަމަށެވެ.

ކެންޔާ މެޑިކަލް އެސޯސިއޭޝަންގެ ރައީސް ސައިމަން ކިގޮންޑޫ އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ މަރުވި 13 މީހުންގެ އަދަދަކީ އެންމެ ފަހުގެ އަދާހަމަ ނޫން ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ރޭ ވެސް ސެކިއުރިޓީ އޮފިސަރުން ބަޑިޖަހައި މީހުން މަރާލާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވެރިރަށް ނައިރޯބީގެ އިތުރުން ކެންޔާގެ އެހެން ޑިސްޓްރިކްޓުތަކުގައިވެސް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި މުޒާހަރާތަކުގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ގިނަ އަދަދެއްގެ ޓެކްސް ބޮޑުކުރުމަށް ހުށަހެޅި ފައިނޭންސް ބިލަކާ ދެކޮޅަށް މުޒާހަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު އަންގާރަ ދުވަހު އެކަން ގޯސްވީ މަޖިލިސް މެމްބަރުން އިސްލާހުކޮށްފައިވާ ބިލެއް ފާސްކުރުމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޖިލީހަށް ވަދެ، މަދަލަށާއި ތަނަށް ގެއްލުންދީ ކޮމްޕްލެކްސްގެ ބައެއް ތަންތަނުގައި ރޯކޮށްލާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާރު ރަމްޒުކޮށްދޭ ރަސްމިއްޔާތުގެ މެސް ވަގަށް ނަގާފައިވެއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް މޫސާ ވެޓަންގުލާ ވަނީ މާލިއްޔަތު ބިލާއި އިގްތިސާދުގެ ހާލަތާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި އިސްކޮށް ތިއްބެވި ޒުވާނުންނަށް ތައުރީފު ކުރައްވާފައެވެ. އަދި އަނިޔާވެރިކަމާއި އިހްތިރާމްކުޑަވާ ގޮތަށް މުދަލަށާއި މުއައްސަސާއަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

މުޒާހަރާގެ ބައިވެރިން މަރާލި މައްސަލަ އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތަކާއި ގާނޫނީ ވަކީލުން ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ކެންޔާގެ ލޯ ސޮސައިޓީން ވަނީ އާއިލާތަކުން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ބައިނަލްއަގްވާމީ ޖިނާއީ ތަހުގީގު ކުރާ ފަރާތްތަކަށް ގޮވާލާފައެވެ.

އިންޓަނޭޝަނަލް ސޮސައިޓީ ފޯ ހިއުމަން ރައިޓްސްގެ ވެރިޔާ ވަންޖެރީ ންޑެރޫ ބީބީސީއަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ސީދާ ބަޑިޖަހައި މަރާލުން ކުށްވެރި ކުރާ ކަމަށާއި މުޒާހަރާގެ ބައިވެރިން ސުލްހަވެރިކަމާއެކީ މުޒާހަރާ ކުރިޔަށް ގެންދިޔުމަށް ގޮވާލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާމިން

    ރައްޔިތުން އިންތިޚާބު ކޮށްފައި އޮންނަ ސަރުކާރަކުންނާއި ރައްތިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމީމާ، އެނިންމުންތަކަށް ރައްޔިތުން އިޙްތިރާމް ކުރަންޖެހޭނެ. އެއީ ޑިމޮކްރަސީއަކީ. މިގޮތަށް ކަންކަން ނިންމީމާ، އެކަން ޤަބޫލު ނުކޮށް މުޒާހަރާ ކޮށް ތަންތަނަށާއި މީހުންނަށް ގެއްލުންދޭން ނުކުމެ އުޅޭ މީހުންނަކީ އެޤައުމެއްގެ ޣައްދާރުންގެ ގޮތުގައި ބެލެވިދާނެ ބައެއް ކަމުގައި ދެކެން. ޚާއްޞަކޮށް މުސްލިމް ޤައުމެއްގައި މިކަހަލަ މުޒާހަރާއެއް ކުރާނަމަ، މުޒާހަރާ ކުރުމަށް ޖާގަ ދޭންވާނެއޭ ކިޔައިގެން ޣައިރު މުސްލިމް ޖަމާޢަަތްތަކުން ވަރަށްފޯރިއާއެކު ހިތްވަރު ދެމުން ގެންދާނެ. ބޭނުމަކީ އެއްބަޔަކު އަނެއް ބަޔެއްގެ މެދުގައި ތަޅާފޮޅުމާއި ހަނގުރާމަ އުފައްދާ މުޅި ޤައުމު ހަލާކުކޮށް ސުންނާފަތި ކޮށްލުން. މިމަޅީގައި ނުޖެހުމުގެ ހިތްވަރު އަހަރުމެން މުސްލިމުންގެ ކިބައިގައި ހުންނަންވާނެ.