ކެންޔާގައި އިސްރާއީލުގެ މުދާތައް ބޮއިކޮޓް ކުރަން ގޮވާލަން ފަށައިފިއެވެ.

ކެންޔާ އަކީ އެފްރިކާ އެންމެ ފަގީރު ގައުމުތަކުން ގައުމެކެވެ. އިގްތިސޯދީ ގޮތުން ބަލިކަށި ގައުމެކެވެ. މައްސަލަތައް ބޮޑު ގައުމެކެވެ. ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރައްޔިތުންގެ އެތައް ހައްގުތަކެއް ވަނީ ނިގުޅައިގެން ގޮސްފައެވެ. ނަމަވެސް އެފްރިކާ ބައްރުގައި ކެންޔާ ގުދުރަތީ ގޮތުން އުފެދިފައިވާ ހިސާބުގެ ގޮތުން ޖިއޯ ޕޮލިޓިކްސް އަށް ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކަށް ކެންޔާގެ ކަނޑުގެ ބަނދަރުތަކަކީ މުހިއްމު އެސެޓަކަށް ވަނީ ވެފައެވެ.

ކެންޔާގެ ހަލަބޮލި ހާލަތުގެ ތެރެއިން މިހާރު މި ވަނީ އެހެން އަޑެއް ގަދަވާން ފަށާފައެވެ. އެއީ ޒައިނިސްޓު ދައުލަތް ކަމަށްވާ އިސްރާއީލްގެ އުފެއްދުންތަކާއި އެ ގައުމުގެ މުދާތައް ކެންޔާ އަށް އެތެރެ ކޮށް ވިއްކުން މަނާ ކުރަން އެ ގައުމުގެ ޒުވާނުން ގޮވާލާ އަޑެވެ.

މި ހަރަކާތުގައި އެންމެ އިސްކޮށް އުޅެނީ އެ ގައުމުގެ އިޖުތިމާއީ މަސައްކަތްތެރިންނާއި ކޮމިއުނިސްޓް ޕާޓީގެ މެންބަރުންނެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެކަކީ އުމުރުން 22 އަހަރުގެ އިޖުތިމާއީ މަސައްކަތްތެރިޔާ ވައިރިމީ ގަތިމްބާ އެވެ.

"އަހަރެމެންނަކީ ފަގީރުން. އަހަރެމެން ބޮޑުވަމުން އައީ ނަސޯރާ އާއިލާއެއްގެ ތެރޭގައި. ކެންޔާގެ ގިނަ ޒުވާނުން ބޮޑުވެފައި ތިބޭނީ މި ހާލަތުގައި. ވީމާ އަހަރެމެންގެ އާއިލާ ތެރޭގައި ފަލަސްތީނުގެ ވާހަކަ އަކީ އެހާ ބޮޑަށް ދެކެވޭ ވާހަކަ އެއް ނޫން. އަހަރެމެންނަށް ވިސްނިފައި އޮންނަނީ އިސްރާއީލަކީ ވަރަށް ރަނގަޅު ގައުމެއްގެ ގޮތުގައި." އަލްޖަޒީރާއަށް ދިން އިންޓަވިއު އެއްގައި ޒުވާން އިޖްތިމާއީ މަސައްކަތް ތެރިޔާ ބުންޏެވެ.

ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާއި މެދު އަނިޔާވެރި ޔަހޫދީންގެ ދައުލަތުން ކަންތައް ކުރަމުންދަނީ ވަރަށް އިހާނެތިކޮށް ކަމަށާއި، މިއީ ދުނިޔޭން ކުއްވެރިކޮށް އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ބޮއިކޮޓް ގެ ހަރަކާތުގެ މަޤްސަދަކީ ކެންޔާގެ ޒުވާނުން މި ތިބީ ހޭލާފައި ކަމާއި މިކަހަލަ ލާއިންސާނީ ޖަރީމާތައް ބަލައިނުގަންނާނެ ކަން ހާމަ ކޮށްދިނުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ކެންޔާގައި އިސްރާއީލުގެ ވިޔަފާރިތައް ވަރަށް ގިނަ ކަމަށާއި، މިކަން ކާމިޔާބު ކުރަން ފަސޭހަ ނުވާނެކަން އެނގިހުރެ ވެސް މި ކަމަށް އިސްނެގީ އިންސާނިއްޔަތު ނެތިގެން ދާތަން ބަލަން ނުތިބޭނެ ކަން ހާމަކޮށްދިނުމަށް ކަމަށް އޭނާ އިންޓަވިއުގައި ބުނެފައިވެއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި ކެންޔާ އިން ވަކި ގައުމަކަށް ތާއީދެއް ނުކުރެއެވެ. ކެންޔާ އަކީ ވެސް ހަނގުރާމައިގެ ހިތި ވަރަށް ބޮޑަށް ތަޖުރިބާ ކޮށްފައިވާ ގައުމެއް ކަމަށާއި، ވީމާ މި ހަނގުރާމައިން ދެ ގައުމަށް ވެސް ލިބޭނެ ފައިދާ އެއް ނެތް ކަމަށް އެންމެ ފަހުން ސައުދީގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކެންޔާގެ ރައީސް ވަނީ ވިދާޅުވެފައެވެ. ކެންޔާގެ ރައީސް ވަނީ އިސްރާއީލު ވެސް އަދި ހަމާސް ވެސް މި ހަނގުރާމައިގައި ގޯސް ކަމަށް ވިދާޅުވެފައެވެ.