ޔޫކުރޭނުގެ އަސްކަރީ ބާރުތަކުން ރަޝިއާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ޑުރޯން ހަމަލާތަކެއް ދީފިއެވެ.

ރަޝިޔާއިން ބުނެފައިވަނީ ރަޝިޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ޔޫކުރެއިން އިން ފޮނުވާލި 36 ޑްރޯން އޭގެ މަންޒިލަށް ވާޞިލްވުމުގެ ކުރިން ކާމިޔާބު ކަމާއި އެކީ ވައްޓާލައިފައިވާ ކަމަށެވެ.

ޔޫކުރޭނުން ބުނެފައިވަނީ ރަޝިޔާގެ އަސްކަރިއްޔާގެ އަސްކަރީ އަމާޒުތަކަށާއި އާންމު ދަތުރުފަތުރު އަދި ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ރަޝިއާ އިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ޔޫކުރޭން ހިފުުމަށް ހަމަލާދީ ހަނގުރާމަ ފެށުނީއްސުރެ އުކްރެއިނުގެ ސަރަޙައްދުތަކަށް ރަޝިޔާގެ އަސްކަރިއްޔާ އިން ދޭ ހަމަލާތަކަށް ދެވޭ ރައްދެއް ކަމުގައެވެ.

ޔޫކުރޭނުން ވަނީ ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާ އާއި ހަނގުރާމަ ކުރުކުގައި އައު އުކުޅެއް ބޭނުން ކުރަން ފަށާފައެވެ. އެއީ ރަޝިއާގެ އަސްކަރިއްޔާ އާ ސީދާ ހަނގުރާމައިގެ މައިދާނުގައި ކުރިމަތި ލުމުގެ ބަދަލުގައި ޔޫކުރޭނުގެ ފައުޖުތައް އެކަށީގެންވާ ދުރުމިނެއްގައި ތިބެގެން ހަމަލާތައް ދިނުމެވެ. މި ގޮތަށް ރަޝިއާ އަށް ހަމަލާދިނުމުގެ ބޭނުމަކީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކުރޭނަށް ދޭން ބުނި ހަތިޔާރުތަކުގެ ބޮޑު ސުޓޮކް އައުމުގެ ކުރިން ރަޝިއާގެ އަސްކަރިއްޔާ އަށް ޔޫކުރޭންގެ އިތުރު ބިމެއް ހިފުނަ ނުދިނުމެވެ.

ޔޫކުރޭންގެ އަސްކަރިއްޔާ އިން ދެން ބޭނުން ކުރަމުންދާ އުކުޅަކީ ރަޝިއާގެ އިޤްތިޞާދީ މައި ނާރު ކަމަށްވާ ތެލާއި ގޭހުގެ އެކި ކާރުހާނާތަކަށް ކުދި ނަމަވެސް ނުރައްކާތެރި ޑުރޯންތައް ބޭނުން ކޮށްގެން ހަމަލާދިނުމެވެ. މި ގޮތަށް ޔޫކުރޭނުން ހަމަލާދީ މިހާރު ވެސް ވަނީ ރަޝިއާގެ އެކި ސަރަހައްދުތަކުގައި ވާ ރަޝިއާގެ އެތައް ތެލާއި ގޭހުގެ ކާރުހާނާތަކަށް ބޮޑެތި ގެއްލުންދީފައެވެ. ޔޫކުރޭނުގެ މި ޑުރޯން ތަކަކީ ވަރަށް އަގުހެޔޮކޮށް އެ ގައުމުގެ އަސްކަރިއްޔާ އިން އުފައްދާ ޑުރޯންތަކެއް ކަމުން ޔޫކުރޭނުން ދަނީ ޑުރޯން ހަމަލާތަކުގައި ވަރަށް ގިނަ ޑުރޯންތައް ބޭނުން ކުރަމުންނެވެ.

ޔޫކުރޭނުގެ މި ޑުރޯން ހަމަލާތަކުގެ ސަބަބުން ރަޝިއާގެ ތެލާއި ގޭސް އުފެއްދުމުގެ ޤާބިލްކަމުގެ ނިސްބަތަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އެ ގޮތުން ރަޝިއާގެ ތެލުގެ އުފެއްދުންތެރިކަން 20 އިއްސަންތަ ދަށަށް ދިޔަ ކަމަށް ރަޝިއާގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ޑުރޯންތަކުން އެ ގައުމުގެ ތެލާއި ގޭހުގެ ކާރުހާނާތައް ސަލާމަތްކުރުމަށް އެކުވެރި ޗައިނާ އިން ޑުރޯން ޖޭމަރުތަކެއް ހޯދާފައެވެ.

ރަޝިއާ އިން އެ ގައުމުގެ ސަރަހައްދީ މިނިވަންކަމަށާއި ސުލްހަ ރައްކާތެރިކުރުމަށް ކަމަށް ބުނެ ޔޫކުރޭނަށް އަސްކަރީ ހަމަލާތައްދީ އެ ގައުމާއި ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން ހަނގުރާމަ އަށް 3 އަހަރު ފުރެން ކައިރިވެފައިވާ އިރު ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު 5 ސަރަހައްދެއް ހިފައި އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ.