ޗައިނާގެ ޖައްވީ އިދާރާއެއްގެ ގޮތުގައި މީގެ ކުރިން ބޭނުންކޮށްފައިވާ ބިޔަ ޖައްވީ އުޅަނދެއް ކޮންޓްރޯލް ނުވެ ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ޖައްވީ ކަންކަން ދިރާސާކުރާ އިދާރާތަކުން ބުނެފިއެވެ.

2016 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ކޮންޓްރޯލް ގެއްލުނު ޖައްވީ އުޅަންދު، "ޓިއެންގޮންގް-1" ދުނިޔެއަށް ވެއްޓޭނެ ކަމަށް ބެލެވިފައިވަނީ މިމަހުގެ 29 އާއި އަންނަ އެޕްރީލް މަހުގެ 9 އާއި ދެމެދުގެ ދުވަހެއްގައެވެ.

ބަރުދަނުގައި 8.5 ޓަނު ހުންނަ މި އުޅަނދު ކޮންޓްރޯލް ގެއްލުމާއި އެކުވެސް އެ އުޅަނދު ދުނިޔެއަށް ވެއްޓޭނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ނަމަވެސް އުޅަނދު ވެއްޓޭނީ ސީދާ ކޮން އިރަކުން ކަމެއް މީގެ ކުރިން އެނގިފައެއް ނުވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުންދިޔަ "ޓިއެންގޮންގް-1" ގެ ކޮންޓްރޯލް ގެއްލުނުއިރު އޭގައި ގިނަ ޢަދަދަކަށް ވިހަ އަދި ނުރައްކާތެރި ކެމިކަލްތައް ހުންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާގޮތުގައި، މި އުޅަނދު ވެއްޓޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޔޫރަޕާއި އެމެރިކާ އާއި އޮސްޓްރޭލިއާ ނުވަތަ ނިއުޒިލޭންޑް ހިމެނޭ ސަރަޙައްދަށެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ޖައްވީ އުޅަނދެއް ނުވަތަ ސެޓެލައިޓެއް ދުނިޔެއަށް ވެއްޓުމަކީ ކުރިންވެސް ހިނގާފައިވާ ކަންކަން ކަމަށާއި، އެތަކެތީގެ ބޮޑުބައި ދުނިޔޭގެ ވައިގެ ފަށަލަތަކަށް ވަނުމާއި އެކު އަނދައި އަޅިއަށްވެގެންދާ ކަމަށެވެ. ނަމަވެސް "ޓިއެންގޮންގް-1"އަކީ މީގެ ކުރިން ދުނިޔެއަށް ވެއްޓިފައި ނުވާހައި ބޮޑު އަދި ބިޔަ ސްޓޭޝަނެއް ކަމުން، މި އުޅަނދައް ޚާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ޓިއެންގޮންގް-1

ބެލެވޭގޮތުގައި "ޓިއެންގޮންގް-1" ދުނިޔޭގެ ވައިގެ ފަށަލަތައް ހުރަސްކުރާ ކުރުމުގައި އެއިން ބައެއް އަނދައިގެން ދިޔަކަމުގައި ވީނަމަވެސް، އުޅަނދުގެ 10 އާއި 40 އިންސައްތަ ދުނިޔޭގެ ކޮންމެވެސް ސަރަޙައްދަކަށް ވެއްޓޭނެއެވެ. އަދި މިބައިތައް ދުނިޔެއަށް ވެއްޓޭނީ އާދަޔާއި ޚިލާފަށް ބާރުމިނުގައި ކަމަށް ބެލެވިފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި "ޓިއެންގޮންގް-1" ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހަމުން އައީ، ހަފްތާއަކު 1.5 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދި މަޢުލޫމާތުން އެނގިފައިވަނީ، ހަފްތާއަކު 6 ކިލޯމީޓަރަށް އެ ދުވެލި އިތުރުވެފައިވާ ކަމެވެ.