ސްރީލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް މިއަދު ކުއްލި ގޮތަކަށް މަހިންދްރަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ގެނައުމަކީ ބަޣާވާތެއް ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރ މަންގަލާ ސަމަރަވީރާ ވިދާޅުވެއްޖެއެވެ.

މަންގަލާ މިހެން ވިދާޅުވީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ މަގާމުގެ ހުވާ ކުރެއްވިތާ އިރުކޮޅެއް ފަހުން ކުރެއްވި ޓްވީޓެއްގައެވެ.

މަންގަލާ ވިދާޅުވީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަކީ ޤާނޫނު އަސާސީ އާއި އަދި ޤާނޫނުތަކާއި ހިލާފަށް ކޮށްފައިވާ ކަމަށެވެ.

"މަހިންދްރަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފަށް. މިއީ ޑިމޮކްރަސީ އާއި ދެކޮޅަށް ގެނެސްފައިވާ ބަޣާވާތެއް." މަންގަލާ ޓްވީޓްގައި ވިދާޅުވިއެވެ.

މަންގަލާ އަކީ ރަނިލްގެ ޔޫއެންޕީގެ ވައިސް ޗެއާމަނެވެ.

ރާޖަޕަކްސް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައި ވަނީ މިރޭ ރައީސް ސިރިސޭނަގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ރަނިލް އަށް މިއަދު ކުއްލި ގޮތަކަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިވަޑައިގެންނެވީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް (ޔޫޕީއެފްއޭ) އިން ރަނިސްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލުމަށް ފަހު ރަނިލް މަގާމުން ދުރުކުރުމުންނެވެ.

މަގާމު ގެއްލިވަޑައިގަތުމުން ރަނިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭނާ އަދިވެސް ބޮޑުވަޒީރުގެ ޒިންމާތައް އަދާކުރަވަމުން ގެންދަވާނެ ކަމަށެވެ.

އޭނާ މަގާމުން ދުރުކޮށް ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ރަނިލް ވިދާޅުވިއެވެ.

"ސްރީލަންކާގެ ބޮޑުވަޒީރަކީ އަދިވެސް އަޅުގަނޑު" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރަނިލް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އޭނާ އަށް ކަން ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެއެވެ.

މިއަދު ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށްފައި ވާއިރު ރަނިލް އާއި ސިރިސޭނަ އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދެނީ ބޮއްސުންލާފައި އޮތް އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު