ޑިމޮކްރަސީ ނަގަހައްޓާ ދެމެހެއްޓުމުގެ ނަމުގައި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މަގުތަކަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާ ކުރަމުން އެބަދެއެވެ. މި މުޒާހަރާތަކަކީ، އެޤައުމުގެ ބޮޑުވަޒީރުކަމުން ބާލާފައިވާ ރަނިލް ވިކްރަމަސިންހަ އާއި އޭނާގެ ޕާޓީ، ޔޫއެންޕީ އަށް ތާއީދު ކުރާ ފަރާތްތަކެވެ.

ކޮލަމްބޯގެ ޓެމްޕަލް ޓްރީ ސަރަޙައްދުގައި މި މުޒާހަރާ ކުރިއަށްދާއިރު، މުޒާޖަރާގެ ބައިވެރިންނާ މުޚާޠަބުކޮށް، ރަނިލްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން، އޭނާ ވިދާޅުވެފައިވަނީ އޭނާގެ ޕާޓީއާއި، އޭނާގެ ޕާޓީއާއެކު އޮތް ޔުނައިޓެޑް ނޭޝަނަލް ފްރަންޓް (ޔޫއެންއެފް) ގައި ހިމެނޭ ޕާޓީތަކުންވެސް ބޭނުންވަނީ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް އަވަހަށް ފެށުމަށްކަމަށެވެ.

ލަންކާގެ ކޮލަމްބޯގައި މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން- ފޮޓޯ: ޑެއިލީ މިރާ

މީގެއިތުރުންވެސް، ރަނިލް ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އެޤައުމުގެ ރައީސްކަމަށް މައިތިރިޕާލާ ސިރިސޭނާ އައްޔަން ކުރައްވާފައިވަނީ އޭނާއާއި ޔޫއެންޕީގެ ތާއީދާއެކުކަމަށެވެ. ހަމައެހެންމެ، ވެރިކަމަށް ހޮވިވަޑައިގެންނެވީ ވަރަށް މުޙިއްމު މެންޑޭޓަކާއެކުގައިކަމަށާއި އެއީ ޑިމޮކްރަސީ ނެގެހެއްޓުންކަމުގައިވެސް އޭނާ މިއަދު ވިދާޅުވެފައިވެއެވެ.

އެތައް ހާސް ބައެއްގެ ކުރިމަތީގައި ބޮޑުވަޒީރުކަމުން ދުރުކުރި ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ސިރިސޭނާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރައީސްކަމުގެ ސަބަބުން ލިބޭ ބާރުތައް ނަހަމަގޮތުގައި ބޭނުންފުޅު ކުރެއްވުމަށްކަމަށެވެ. އެހެންނަމަވެސް، އެކަމަށް އެއްވެސް ފުރުޞަތެއް ދެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ލަންކާގެ ކޮލަމްބޯގައި މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން- ފޮޓޯ: ޑެއިލީ މިރާ

ލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ދުރުކުރައްވާ، އެމަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މަޤާމުން ދުރުކުރެއްވުމާ ހަމައިން ރަނިލް ވިދާޅުވަމުން ގެންދަވާފައިވަނީ އެއީ ޤާނޫނު އަސާސީއާ މުޅިން ޚިލާފު ނިންމުމެއްކަމުގައެވެ. އެހެންނަމަވެސް، އިއްޔެން ފެށިގެން، ރާޖަޕަކްސަ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން ފައްޓަވާ، އޮފީހަށް ނިކުމެވަޑައިގަންނަވަން ފައްޓަވާފައެވެ.

އެޤައުމުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއެކު، ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ިއިބްރާހީމް

  މިމީހުން މުޒާހަރާ ކުރަން ދަސްކުރީ މިރާއްޖެއިން

 2. މަރީ

  އެމް.ޑީ.ޕީ މީހުން ގެނދެބަލަ މުޒާހަރާކުރަން. އޭރަށް ވެރިކަން ވެއްޓޭނެ

  • Anonymous

   އޭރުން ދުވާލަކު އެއްފަހަރު ވެރިކަން ވެއްޓޭނެ އމ.ޑ.ޕ ބަހުންނަމަ