މެޑިޓަރޭނިއަމް ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަކުރާ ރެފިއުޖީން ސަލާމަތް ކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާ ސިފައިންގެ މަނަވަރަކަށް ރެފިއުޖީން ދަތުރު ކުރަމުން ދިޔަ ކުޑަ ބޯޓެއް އަޑިއަށްދާ މަންޒަރު ފެނުމުން ވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދިން ކަމަށާއި އެންމެ ފަހުން އެބޯޓުން ގެނބުނު މީހުންގެ ތެރެއިން 76 މީހުން މަރުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާދިސާ ހިނގީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް ބައިނަލްއަޤުވާމީ މީޑިއާ އިން މިޚަބަރު ހާމަކޮށްފައި ވަނީ އިއްޔެ އެވެ. އެއީ ނުރައްކާތެރި ހާދިސާ އިން ސަލާމަތްވި މީހަކު އެހާދިސާގެ ވާހަކަ މީޑިއާ އާއި ހިއްސާ ކުރުމުންނެވެ.

މެޑިޓަރޭނިއަމް ކަނޑަށް އަޑިއަށް ދިޔަ ބޯޓުގައި ސީރިއާގެ 118 މީހުން ތިއްބެވެ. އެމެރިކާ ސިފައިން މަނަވަރުން ވަނީ އޭގެތެރެއިން 46 މީހުން ސަލާމަތް ކޮށްފައެވެ. ސަލާމަތް ކުރިމީހުން ބުނާ ގޮތުގައި އެމެރިކާ ސިފައިން ތިބީ ފުރަތަމަ ހާދިސާ ހިނގި އިރު ވެސް ފެންނަ ހިސާބުގައެވެ. ނަމަވެސް ފުރަތަމަ އެމެރިކާ ސިފައިން އެއްވެސް އެހީތެރިކަމެއް ނުވިއެވެ.

"އެމެރިކާގެ ދިދަ ޖަހާފައިވާ އަސްކަރީ މަނަވަރު އޮތީ އަހަރެމެންގެ ބޯޓު އަޑިއަށް ދިޔައިރު ވަރަށް ކައިރީގައި. އެމީހުން އެހީތެރިވި ނަމަ މަރުވި 76 މީހުންގެ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު އޮތީސް." ސަލާމަތްވި މީހަކު ބުންޏެވެ.

ރެފިއުޖީން ތިބި ބޯޓު އަޑިއަށް ދިޔައީ ކަނޑު ގަދަވެ، ބޯޓަށް ލޮނު އަރައިގެންނެވެ. ގަޑިއެއް ހާއިރު ވަންދެން ބޯޓުން ލޮނު ހިއްކުމުގެ މަސައްކަތް ކުރިކަމަށާއި ނަމަވެސް ކާމިޔާބެއް ނުވި ކަމަށް ސަލާމަތްވި މީހުން ބުނެއެވެ. ބޯޓަށް ފުރަތަމަ ލޮނު އަރަން ފެށިއިރު ވެސް އެމެރިކާ ސިފައިން ތިބީ ބޯޓު ފެންނަ ހިސާބުގައެވެ.

ސަލާމަތްވި ރެފިއުޖީންގެ ވާހަކަތަކާއި ގުޅިގެން އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ އެފަދަ ހާދިސާ އެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.

މެޑިޓަރޭނިއަމް ކަނޑު ހުރަސްކުރުމުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އެތައް ލައްކަ ރެފިއުޖީންނެއް ދަނީ މަރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަހާންގީރު

    ޖަނަވާރުބައެއް ތި އެމެރިކާއަކީ !

  2. ކިޔާ

    އެމެރިކާއަށް ސަލާމަތުން މުސްލިމު ގައުމެއް ފެންނަން އޮވެއްޖެނަމަ އެތަނެއް ހަލާކުކުރުމަށް ކަށިން ހިތްވަރުނެރޭނެ.އެމީހުން ނޭވާލާނީވެސް އެތަނެއް ލޫޓުވައި ސުންނާފަތިކޮށްފަ.ދެން އެމީހުންނަށް ހާލުގަ ޖެހިފަވާ މުސްލިމުން ފެންނާނެތަ؟؟އެމީހުންގެ މޮޓޯއަކީ މުސްލިމުން ބައިބައިކޮށް ނިކަމެތިކުރުން.ރެފިއުޖީންގެ ގޮތުގަ މުސްލިމުން މުޅިއުމުރަށް ބޭތިއްބުން.

  3. ދދދދދ

    އެއީ އިންސާނީ ހައްގު އެމީހުން އަދާކުރާ ގޮތް. ދިވެހިން އަތް ޖަހާ