އެމެރިކާގެ ބޮޑު ސަރަޙައްދެއް ކަމުގައިވާ ކެލިފޯނިޔާގައި މިހާރުވަނީ ބޮޑު އަލިފާންގަނޑެއް ފެތުރިފައެވެ. ޖަންގަލީ ސަރަޙައްދުގައި ރޯވެފައިވާ މި އަލިފާންގަނޑު، މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ހަމައަށްވެސް ފޯރާފައިވާއިރު މިހާތަނަށް 44 މީހުން މަރުވެ، އިތުރު އެތައް ބައެއް ޒަޚަމްވެފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މި ނުރައްކާތެރި ޙާދިސާގެ ތެރެއިންވެސް، ހިތްހަމަޖެހޭ ފަދަ ޚަބަރެއްވަނީ ލިބިފައެވެ. ހިތާމައިގެ ލޯތަކުން، އުފާވެރިކަމުގެ ކަރުނަ ހިލޭފަދަ ޚަބަރެއްވަނީ ލިބިގެން ގޮސްފައެވެ. އެއީ، ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއިން، މީހެއްގެ ބުރަ މަސައްކަތުން، އުމުރުން ދުވަސްވީ އަންހެނަކު ސަލާމަތް ކުރި ޚަބެރެވެ.

އުމުރުން 93 އަހަރުގެ، މާގަރެޓް ނިއުސަމް ކިޔާ މީހަކު، އަލިފާންގަނޑުގެ ނުރައްކާތެރިކަމުގެ ތެރޭގައި ހުއްޓާ ސަލާމަތްކޮށް، ރައްކާތެރިކަމުގެ އައްސޭރިއަކަށް ގެންގޮސްދީފައިވަނީ ޑޭން ރޭ ކަމިންސް ނަމަކަށް ކިޔާ މީހެކެވެ. މި މީހާއަކީ ކެލިފޯނިޔާގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހެކެވެ.

މާގަރެޓް އަދި ޑޭން

މާގަރެޓް ބުނެފައިވާ ގޮތުގައި ރޯވެފައިވާ އަލިފާންގަނޑު، އޭނާގެ ގެއާ ހަމައަށް އަންނަމުންދާކަން އެނގުނީ ޓީވީ ހުޅުވާލިތަނުންނެވެ. ޓީވީ ހުޅުވާ ބަލާލިއިރު، އަލިފާންގަނޑު ހުރީ އޭނާގެ ގެއާ އެންމެ ފަސް މޭލު ދުރުގައެވެ. އެކަނި އުޅޭ މާގަރެޓަށް މިކަން އުނދަގޫވިއިރު، އޭނާގެ ކަންކަން ބަލަހައްޓަން ގެންގުޅޭ މީހާވެސް ވީ އޭނާގެ އަމިއްލަ ގެއަށް ގޮސްފައެވެ.

މީހެއްގެ ހިލަމެއްވޭތޯ މާގަރެޓް ގޮސް ހުރީ ގޭގެ ކުރިމަތީގައި ހަދާފައި ހުރި ތަނެއްގައެވެ. އޭރު ވަށައިގެންވަނީ އަނގުރު އަލިފާނެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު އެތަނަށް އައި ޑޭން އެވެ. ޑޭންގެ ވެހިކަލުގައި އެތަނަށް ގޮސް، މާގަރެޓް ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ. އޭނާ އެކަން ކޮށްފައިވަނީވެސް ސުޕަވައިޒަރުގެ އޯޑަރަށް ކިޔަމަންވުމެއް ނެތިއެވެ. އެގޮތުން ސުޕަވައިޒަރުވަނީ އަލިފާން ބޯވަމުން ދިޔުމުގެ ސަބަބުން ބޭރުތެރޭގައި ނޫޅި، ރައްކާތެރިކަން ހޯދުމަށް އަންގާފައެވެ.

ކުނު ހޮވާ މީހާއަށްޓަކައި މާގަރެޓް ދަނީ ޝުކުރުވެރިވަމުންނެވެ. ހަމައެހެންމެ، އެތައް ބަޔަކު ދަނީ މި މީހާއަށް ތަޢުރީފު "އޮއްސަމުން" ނެވެ.

ކިޔުންތެރިންގެ ހިޔާލު