ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ދާދި ފަހުން ގެއްލުނު ރަނިލް ވިކްރަމަސިންހަ އަށް ކުރިއަށް އޮތް އިންތިޚާބަށް ނިކުންނައިރު ޕާޓީގެ ލީޑަރުކަން ގެއްލިދާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލާ އާއިންތިޚާބަކަށް ގޮވާލާފައި ވާއިރު ޖަނަވަރީ 05 ވަނަ ދުވަހު އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ވަމުންނެވެ.

ރަނިލްގެ ޔޫއެންޕީގެ ފަރާތުން ބޮޑުވަޒީރު ކަމަށް ވާދަކުރައްވަން ރަނިލް ފިޔަވައި އެހެން ބޭފުޅަކު ނެރުމަށް ޕާޓީގެ ސީނިއާ މެންބަރުން ދަނީ ބާރު އަޅަމުންނެވެ. އުވާލި ޤާނުނު ހަދާ މަޖިލީހުގެ ސީނިއާ މެންބަރުން ތާއިދު ކުރައްވަނީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ސަޖިތު ޕްރަމަދޭސާ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާށެވެ.

ސަޖިތު އަކީ ރަނިލްގެ ބޮޑުވަޒީރު ކަމުގައި މިނިސްޓަރ އޮފް ހައުސިން އެންޑް ކޮންސްޓްރަކްޝަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ސަޖިތު ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެން ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވަމުންނެވެ.

ބޮޑުވަޒީރު ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ސަޖިތު ރަސްމީކޮށް އަދި ފާޅުނުކުރެއްވި ނަމަވެސް އޭނާ އާއި ވަރަށް އަރިސް މަޖިލިސް މެންބަރުން ސަޖިތު ބޮޑުވަޒީރު ކަމަށް ގެނައުމަށް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ސަޖިތުގެ އިޝާރާތެއް ލިބިގެން ކަމަށް ބެލެވޭ ކަމުގައި ލަންކާގެ މީޑިއާތަކުން ބުނެއެވެ.

ޔޫއެންޕީގެ ސީނިއާ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން ރަނިލްގެ ލީޑާޝިޕްގައި ނިކުމެ އިންތިޚާބު ކާމިޔާބު ކުރުން އެއީ ޔޫއެންޕީ އަށް ކުރެވޭނެ ކަމެއް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔޫއެންޕީގެ ލީޑާރެއް ކަނޑައެޅުމަށް ޕާޓީގެ ކައުންސިލް ކުރިއަށް އޮތް ހަފްތާގައި ބައްދަލު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު