އަވަށްޓެރި ސްރީ ލަންކާގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމާއެކު އުފެދުނު ސިޔާސީ ނުތަނަވަސްކަން އަދިވެސް ދަނީ އިތުރުވަމުންނެވެ. ޞުލްޙައިގެ ކޮޅު މައްޗެއް ފެންނަމުން ނުދާއިރު، މަޝްރަހު އެންމެ ގޯސްވެފައިވާކަން ހާމަވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ.

އެތައް ދުވަހެއް ވަންދެން ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ކުރޮއަށް ނުގެންގޮސް އޮތުމަށްފަހު، އަނެއްކާވެސް މި ހަފްތާގެ ތެރޭގައިވަނީ ޖަލްސާތައް ފަށާފައެވެ. އެހެންނަމަވެސް، އިއްޔެއާއި މިއަދު، މުޅި މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ދިޔައީ ހަމަނުޖެހުން ހިނގަމުންނެވެ.

މެންބަރެއްގެ ގަޔަށް މިރުސް ޖަހާފައި

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގަޔަށް އެކި އެއްޗެހި އުކާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި، އެކަމުގެ ސަބަބުން ޗެމްބަރު ދޫކުރައްވާ ރައީސް ވަޑައިގަންނަވާފައިވާކަމަށްވެސް އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. ހަމައެހެންމެ، އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށްވެސް އެއްޗެހި އުކާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން، ހުރިހާ މެންބަރުން ޗެމްބަރަށް ވައްދާފައިވަނީ ސެކިއުރިޓީ ޗެކު ކުރުމަށްފަހުއެވެ. މިގޮތަށް ކަންތައް ކޮށްފައިވަނީ އިއްޔެގެ ޖަލްސާއަށް، މެންބަރު ޕަލިތާ ތެވަރަޕެރުމާ ވަޅިއެއް ގެނައުމުންކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ޖަލްސާ ލަންކާ ގަޑިން 13:30 ގައި ފެށުމަށް ހަމަޖެހިފައިވީނަމަވެސް، ހަމަނުޖެހުންތަކުގެ ސަބަބުން ޖަލްސާ ފެށިފައިވަނީ އެތައް އިރެއް ފަހުންނެވެ. މަޖިލީހުގެ ތެރޭގައި ހަމަނުޖެހުންތައް ހިންގަމުން ދިޔައިރު، ބައެއް މެންބަރުން ރައީސްގެ މަޤާމަށް އަރައިގެން އުޅުނުކަމަށްވެސް އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

މީގެއިތުރުން، ރަނިލްގެ ޔޫއެންޕީ އަށް ނިސްބަތްވާ ޖަމިނީ ޖަޔަވިކްރަމަ ޕެރޭރާ އާއި ވިޖިތާ ހެރަތުގެ ގަޔަށް މުގުރި މިރުސް ޖަހާފައިވެއެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މެންބަރުގެ ގަޔަށް މިރުސް ޖަހާފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ.

މެންބަރެއްގެ ގަޔަށް މިރުސް ޖަހާފައި

ލަންކާގެ މަޖިލީހުގެ ކަންކަން ގޯސްވެފައިވާއިރު، ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ތިބީ ސިރިސޭނާގެ ޕާޓީގެ މެންބަރުންނެވެ. އެޤައުމުގެ ބޮޑުވަޒީރުކަމަށް ސިރިސޭނާ އައްޔަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް މަޖިލީހުން، މި ހަފްތާ ތެރޭގައި ފާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    އެމީހުން ދަސްކުރީ ދިވެހިރާއްޖޭގެ ބިރުފަހަނައަޅާދާ ޕާޓީގެ މީހުންގެ ފަރާތުން.

  2. ދދ

    އަވައްޓެރި ގައުމުތަކުގެ ކަންކަމަށް އަތްބޭނުމުގެ
    ވައްޓަފާޅިއެއް ބޮޑުބާރުން ގެންގުޅުމަކީ ކަންބޮޑު
    ވާ ކަމެކެވެ