ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރާއިލުގެ ދައުލަތުން މި އަހަރުގެ މިހާތަނަށް، ފަލަސްތީނުގެ ކުށެއް ނެތް 900 އެއްހާ ކުދިން ހައްޔަރުކޮށްފައިވާކަމަށް އަމިއްލަ ޖަމިއްޔާ އަކުން ހާމަކޮށްފިއެވެ.

ފަލަސްތީނުގައި މަސައްކަތް ކުރާ އެޤައުމުގެ ޖަމިއްޔާއެއްކަމުގައިވާ "ދަ ޕަލެސްޓީނިއަން ޕްރިޒަނާސް ސޮސައިޓީ" އިން މިކަން ހާމަކޮށްފައިވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ނެރެފައިވާ ބަޔާނެއްގައެވެ.

އެޖަމިއްޔާ އިން މިދިޔަ ހަފްތާގެ ތެރޭގައި ނެރެފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުން، އިޒްރާއިލު ސިފައިން ހައްޔަރުކޮށްފައިވާ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވަނީ އެކުދިންގެ އަމިއްލަ ގެތަކުގައި ތިއްބައެވެ. އަދި، ގިނަ ކުދިން ހައްޔަރުކޮށްފައިވަނީ ދަންވަރުގެ ވަގުތުގައިކަންވެސް ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، އެކި ކުށް ކުށް ކުރިކަމަށް އެއްބަސް ކުރުވާ އެކި ލިޔުންތަކުގައި ގަދަކަމުން ސޮއިކުރުވުމުގެ ބޭނުމުގައި އެކުދިންގެ ގައިގައި ތަޅާ، އިންޒާރު ދީ އެހެނިހެންވެސް އަނިޔާތައް ދޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނު ކުޑަކުދިންގެ ޙައްޤުގައި މަސައްކަތް ކުރާ އެހެން ޖަމާއަތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް، ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ސަރަޙައްދުން، ފަލަސްތީނުގެ 52 ކުޑަކުއްޖަކުވަނީ ޝަހީދު ކޮށްލާފައެވެ. ހަމައެހެންމެ، ކުޑަކުދިންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރުގެ ބާރުގެ ބޭނުން ކުރާކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.

އިޒްރާއިލަކީ ބައިނަލްއަޤުވާމީ އެއްވެސް އެންގުމަކަށް ތަބާ ނުވެ، ފަލަސްތީނު ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދެމުންދާ ބައެކެވެ. އިޒްރާއިލުގެ އަނިޔާތައް ހުއްޓުވުމަށް އެހެން ޤައުމުތަކުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ ފަލި

    މަރުހަބާ ޖަޒީރާ ރާއްޖެ