ތުރުކީގެ މަރަމަރާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް ކައިރި މުސްތަގުބަލެއްގައި އަތުވެދާނެ ކަމުގެ އިންޒާރު ޖަޕާނުގެ ސައިންސްވެރިއަކު ދީފިއެވެ.

ތުރުކޯގެ ފިރަޓް ޔުނިވާސިޓީން ބޭއްވި ކޮންފަރެންސް އެއްގައި ވާހަކަ ދައްކަމުން ޖަޕާނުގެ ބިންހެލުން ދިރާސާ ކުރާ ސައިންސްވެރިއެއް ކަމަށްވާ މޮރިވާކީ ވިދާޅުވީ ތުރުކީގެ މަރަމަރާ ސަރަހައްދަށް 1999 ވަނަ އަހަރުވެސް ބިންހެލުމެއް އައިސްފައިވާ ކަމަށާއި ދިރާސާ ތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މި ސަރަހައްދަށް ވަރަށް ބާރުގަދަ ބިންހެލުމެއް އައުން ވަރަށް ގާތް ކަމަށެވެ.

1999 ވަނަ އަހަރު 7.4 ބާރު މިނުގައި މި ސަރަހައްދަށް އައި ބިންހެލުމެއްގައި 17,000 އަށް ވުރެގިނަ މީހުން މަރުވެ 285000 ވުރެން ގިނަ އިމާރާތް ބިމާ ހަމަވިއެވެ. އަދި 600000 މީހުންގެ ގެދޮރު ގެއްލުނެވެ.

އޭނާ ވިދާޅުވީ ދުރާލާ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅިއްޖެ ނަމަ ދެން އަންނަ ބިންހެލުމުން ލިބޭ ގެއްލުން 70 އިންސައްތަ ކުޑަ ކުރެވިދާނެ ކަމަށެވެ.

1999 އަހަރު އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރީ ތުރުކީގެ އިޒްމަދް އާއި ގުލްޖުކް އަށް ކަމުގައި ވީނަމަވެސް، މުޅި ތުރުކީ ވިލާތަށް މިކަމުގެ އަސަރު ފޯރާފައިވެއެވެ.

ތުރުކީ އޮންނަނީ ބިންހެލުން އައުން ގާތް ސަރަހައްދެގައެވެ. ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދާއިރު، މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. މިއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު