އިންޑިއާގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކުރާ ކުދިންނަށް ބަރު ފޮތް ދިނުމާއި ހޯމްވޯކް ދިނުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

"ސްކައި ނިއުސް"އިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ސްކޫލުތަކުގެ ކުދިންނަށް ހޯމްވޯކް ދިނުމާއި ބަރު ފޮތް ދިނުން އެގައުމުގެ ސަރުކާރުން މަނާކޮށްފައިވަނީ އެކަމުގެ ސަބަބުން ކުދިންގެ މައިބަދައަށް ގެއްލުން ލިބޭތީއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހޯމްވޯކާއި ބަރުފޮތް ދިނުން މަނާކޮށްފައިވަނީ ގްރޭޑް އެކެއް އަދި ގްރޭޑް ދޭއްގެ ދަރިވަރުންނަށެވެ. ބައެއް ސްކޫލުތަކަށް ސަރުކާރުން މަންދޫބުން ފޮނުވައިގެން މި ކަމާއި ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުންތަށް ބާއްވައިފައިވާ ކަމަށްވެސްބައެއް ނޫސްތަކުން ބުނެފައިވެއެވެ.

"ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާ"އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 18 އަހަރުން ދަށުގެ 68 އިންސައްތަ ކުދިންނަކީ މައިބަދައިގެ އެކި އެކި މައްސަލަތައް ކުރިމަތިވެފައިވާ ކުދިންނެވެ. 2،500 އަށް ވުރެއް ގިނަ ކުދިންނާއި ހާހަކަށް ވުރެއް ގިނަ ކުދިން ބޭނުންކޮށްގެން ކުރި އެ ސާވޭއިން ދައްކާ ގޮތުގައި އުމުރުން 13 އަހަރުން ދަށުގެ 88 އިންސައްތަ ކުދިންނަކީ އެކުދިންގެ ބަރުދަނުގެ 45 އިންސައްތަ ކޮންމެ ދުވަހަކުވެސް އެކުދިންގެ ބުރަކަށީގައި އުފުލާ ކުދިންނެވެ.

އިންޑިއާގެ ގިނަ ސްކޫލުތަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެކަމުގެ ސަބަބުން ބަރު ފޮތް ދަބަސް އުފުލަން ޖެހުމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގައި އެގައުމުގެ ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު