އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން ހައްޔަރު ކުރި ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

މެންގް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ އިލެކްޓްރޯނިކް ޓެގް އަޅުވައި ޕާސްޕޯޓު ހިފެހެއްޓުމަށްފަހު 7.5 މިލިއަން އެމެރިކާ ޑޮލަރު ކެނެޑާގެ ކޯޓަށް ދެއްކުމުންނެވެ.

މެންގް ދޫކޮށްލާފައިވަނީ އޭނާ ހައްޔަރު ކުރިތާ 10 ދުވަސް ފަހުންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ. ވާވޭގެ ބާނީގެ އަންހެން ދަރިފުޅު ވެންޒޫ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު 1 ވަނަ ދުވަހު އެވެ.

ޗައިނާ އިން ވަނީ ވަންޒޫ ހައްޔަރުކުރުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާ ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި އެއްވެސް ސަބަބެއް ނެތި މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

ވާވޭ އިން ވަނީ އެމެރިކާގެ އެޕަލް ވައްޓާލައި، ސްމާޓް ފޯނުގެ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ކުންފުނީގެ މަގާމު ހޯދައިފަ އެވެ. ވާވޭ އިން އެންމެ ފުރަތަމަ ވިއްކަން ފެށީ އަގުހެޔޮ ފޯނުތަކެއް ނަމަވެސް އެކުންފުނިން މިހާރުދަނީ ބާރުގަދަ މޮޅު ފޯނު ބާޒާރަށް ނެރެމުންނެވެ.

ވަންޒޫ ހައްޔަރުކޮށްފައި ވަނީ ކޮން ކުށެއްގެ ސަބަބުން ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ވާވޭ އާއި ގުޅުން އޮންނަ ކުންފުންޏެއް މެދުވެރިކޮށް އީރާނާއި ވިޔަފާރި ކުރި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. ނަމަވެސް ވަންޒޫ ހައްޔަރުކުރުމުގައި ސިޔާސީ ބޭނުމެއް ނެތް ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.