ދެން ދުވަހަކު ވެސް ރަނިލް ވިކްރަމަސިންހަ އަށް ބޮޑުވަޒީރު ކަން ނުދެއްވާނެ ކަމަށް ސްރީލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އިތުރު އެއްވެސް ގޮތެއް ނެތިގެން އަނެއްކާވެސް ރަނިލް އަށް ބޮޑުވަޒީރުކަން ދެއްވަން ނިންމަވައިފިއެވެ.

ފާއިތުވި ދޮޅުމަހެއްހާ ދުވަހު ސިރިސޭނަ ވަނީ ރަނިލް އަށް ބޮޑުވަޒީރުކަން ދެން ނުދެއްވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ނަމަވެސް ރަނިލް ފިޔަވައި އިތުރު ބޭފުޅަކަށް ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ގޮތެއް ނެތުމުން ރަނިލް އަށް އަލުން ބޮޑުވަޒީރުކަން ދެއްވަން ސިރިސޭނަ މިރޭ ނިންމަވައިފި ކަމަށް ލަންކާގެ މީޑިއާތަކުން ބުނެއެވެ.

ރަނިލް ނިސްބަތްވެ ވަޑައިގަންނަވާ ޔޫއެންޕީގެ ސީނިއާ ބައެއް މެންބަރުން މިރޭ މީޑިއާ އަށް ކަށަވަރު ކޮށްދެއްވާފައިވާ ގޮތުގައި އަންނަ އާދީއްތަ ދުވަހު ހެނދުނު ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާނެ ކަން ސިރިސޭނަ މިހާރު ވަނީ ރަނިލް އަށް އަންގަވާފައެވެ.

ރަނިލް އަށް އަލުން ބޮޑުވަޒީރު ކަން ދެއްވަން ސިރިސޭނަ މިރޭ ނިންމެވީ ރަނިލް އާއި ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކަކަށް ފަހު ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަނިލް އަލުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވަން ސިރިސޭނަ ނިންމެވި އިރު ބޮޑުވަޒީރު ކަމަށް ސިރިސޭނަ އައްޔަން ކުރައްވާފައިވާ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ މާދަމާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ލަންކާގެ "ޑެއިލީމިރާ" އިން ބުނެއެވެ.

ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވަން ސިރިސޭނަ ނިންމަވާފައި މިވަނީ ލަންކާގެ ސިޔާސީ މައްސަލަތަކަށް ހައްލެއް ނުލިބި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ޤާނޫނު ހަދާ މަޖިލީހުން ފާސް ނުކުރެވިދާނެ ކަމުގެ ބިރުހީވެފައި ވަނިކޮށެވެ. ބަޖެޓް ފާސްނުކުރެވިއްޖެ ނަމަ އަންނަ އަހަރު ފެށުމާއި އެކު މުޅި ގައުމު ހުއްޓުމަކަށް އަންނާނެއެވެ.