މީގެ ހަތަރު ދުވަސް ކުރިން ބާރުގަދަ ބިންހެލުމެއް އައި ރަޝިއާގެ ނިކޮލޮސްކޯއީ ސަރަހައްދަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ގިނަ ބިންހެލުންތަކެއް އަތުވެއްޖެއެވެ.

ނިކޮލޮސްކޯއީ ކައިރިން ކަނޑުގެ އަޑިއަށް މިއަދު ވަނީ މިހާތަނަށް ދިހަ ބިންހެލުން އައިސްފައެވެ. އޭގެ ތެރެއިން އެއް ބިންހެލުމުގައި 6.1 މެގްނެޓިއުޑްގެ ބާރު މިން ހުއްޓެވެ. އެއް ބިންހެލުމުގައި 5.4 މެގްނެޓިއުޑްގެ ބާރުމިން ހުރިއިރު 5.0 މެގްނެޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ. ދެން އައިސްފައި ވަނީ 4.1 މެގްނެޓިއުޑް އާއި 4.8 މެގްނެޓިއުޑްގެ ބިންހެލުންތަކެވެ.

މިބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިދިޔަ ހަފްތާގައި މިސަރަހައްދަށް އައިސްފައި ވަނީ 7.4 މެގްނެޓިއުޑްގެ ބިންހެލުމެކެވެ. އެބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. ނަމަވެސް ފަހުން ވަނީ އިންޒާރު އުވާލާފައެވެ. މީގެ ތިން ހަފްތާ ކުރިން އެސަރަހައްދަށް 7.2 މެގްނެޓިއުޑްގައި ވެސް ބިންހެލުމެއް އައެވެ.

ގިނަ އަދަދެއްގެ ބިންހެލުންތައް އަންނަމުންދާ ރަޝިއާގެ ސަރަހައްދަކީ "ރިންގް އޮފް ފަޔާ" ގެ ނަމުން ނަން ދެވިފައި އޮންނަ ސަރަހައްދެކެވެ. މިސަރަހައްދަކީ އާންމު ގޮތެއްގައި ބިންހެލުން އަންނަ ސަރަހައްދެކެވެ. ނަމަވެސް މިހައި ގާތް ގާތުގައި ގިނަ އަދަދެއްގެ ބިންހެލުން މިސަރަހައްދަށް ނާންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ކުރިމަތިވެދާނެ ހާލަތަކަށް ނިކޮލޮސްކޯއީ ސަރަހައްދުގެ ރައްޔިތުން ތިބީ ތައްޔާރީ ހާލަތެއްގައެވެ. ބާރުގަދަ ބިންހެލުމެއް އައުމުން ކަންތައް ކުރާނެ ގޮތާއި ބެހޭ ގޮތުން އެސަރަހައްދުގެ ރައްޔިތުން ވަނީ ތަމްރީނު ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު