ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާއަށް އެރި ސުނާމީ ވެގެންދިޔައީ ކުއްލި ސިހުމަކަށެވެ. އިންޒާރެއް ނެތި ބިޔަ ރާޅުތައް ގެތަކަށް އަރައިގެން އައި އިރު، ގިނަ ބަޔަކު ތިބީ ގަދަ ނިދީގައެވެ. މަރުވި މީހުންގެ އަދަދު 420 އަށް އަރާފައިވާ އިރު، އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު 1400 އަށްވުރެ ގިނައެވެ.

ސުނާމީގައި އެތަކެއް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، ކޯސްޓަލް އޭރިއާތައް ކަމަށްވާ ދެކުނު ސުމަޓްރާއާއި ޖާވާގެ ހުރިހާ ގެތަކެއްހެން ވަނީ ބިމާ ހަމަވެފައެވެ.

ސުނާމީ އެރި ސަރަހައްދުގެ މަގުތަކުގެ ހާލަތު ބަޔާންކޮށްދެމުން އެ ސަރަހައްދުގެ އިސް ތަރުޖަމާން ސުޓޯޕޯ ޕުރްވޯ ބުނެފައި ވަނީ މަގުތައް ފެނުނަސް ލޮލުން ކަރުނަ އަންނަ ކަމަށެވެ.

"މަގުތަކުން ފެންނަނީ ކުނި. ފަނާވެފައިވާ ގެތައް. ގެއްލިފައިވާ މީހުން ހޯދުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންނާއި، ސިފައިންގެ އިތުރުން އެތައް ބަޔަކު އެބަ ހަރަކާތްތެރިވޭ. ގެތަކުގެ ތެރެއިން ތާށިވެފައިވާ މީހުންނާއި، މަރުވެފައިވާ މީހުންވެސް ދަނީ ފެންނަމުން،" ސުޕޯޓޯ ބުންޏެވެ.

ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާ އަށް ސުނާމީ އެރީ އަލިފާން ފަރުބަދައެއް ގޮވާ ކަނޑު އަޑިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ގެއްލުން ބޮޑު ސުނާމީތަކެއް އަދިވެސް އެރުމުގެ ފުރުސަތު އޮތުމުން އާންމުން އައްސޭރިފަށަށް ނުދިއުމަށް އިންޑޮނޭޝިއާ ސަރުކާރުން ދަނީ އަންގަމުންނެވެ.

ސުނާމީގެ އަސަރު ކުރި މީހުންގެ ތެރޭގައި ކްރިސްމަސް އާއި އާއަހަރު ފާހަގަ ކުރަން އިންޑޮނޭޝިއާ އަށް ގޮސް ތިބި ފަތުރުވެރިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު