އެމެރިކާގެ ދައުލަތުގެ ބަޖެޓް ފާސް ނުކުރެވި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރު ހުއްޓުމަކަށް އައިސްފައި ވާއިރު އަދިވެސް ގޮތް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ މެކްސިކޯ އާއި އެމެރިކާގެ ދެމެދުގެ ޓްރަމްޕް ރާނަން ބޭނުންވާ ފާރަށް ފަންޑް ދިނުމަށް ސެނެޓުން ރުހުން ނުދިނުމުންނެވެ. ފާރު ރާނަން ފަސް ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަނުޖައްސަނީސް ބަޖެޓް ފާސް ކުރަން ޓްރަމްޕް ބޭނުމެއް ނޫނެވެ. އެވަރުގެ ބަޖެޓެއް ފާރު ރާނަން ދިނުމަށް ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ދެކޮޅެވެ.

"އަހަރެންނަކަށް ނުބުނެވޭނެ ސަރުކާރު ދެން ހުޅުވި ހިނގައި ގަންނާނީ ކޮން އިރަކުން ކަމެއް. އަހަރެންނަށް ބުނެވިދާނެ ފާރު ނުވަތަ ފެންސް ބިނާކުރަން ބަޖެޓް ނުލިބެނީސް ސަރުކާރު ދެނެއް ނުހުޅުވޭނެ." ކްރިސްމަސް ފާހަގަ ކުރަން އެމެރިކާ ސިފައިންނަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ބުންޏެވެ.

މެކްސިކޯ އާއި އެމެރިކާ އާއި ދެމެދު ފާރެއް ރޭނުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. އެފާރުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައުމުން އެއްވެސް މުވައްޒަފަކަށް މުސާރައެއް ނުދެވޭނެއެވެ. ނަމަވެސް މުސާރަ ނުލިބުނަސް ހޮސްޕިޓަލްތަކާއި ސަލާމަތީ ކަންތައްތައް ބަލަހައްޓާ އެޖެންސީތަކުގެ މުވައްޒަފުން ވަޒީފާ އަށް ނިކުންނަން ޖެހޭނެއެވެ. އެމުވައްޒަފުންނަށް މުސާރަ ލިބޭނީ ސަރުކާރު ހުޅުވުނު ދުވަހަކުންނެވެ.

މިއީ އެމެރިކާ ސަރުކާރު މިއަހަރު ހުއްޓުމަކަށް އައި ތިން ވަނަ ފަހަރެވެ. މިއަހަރު ފުރަތަމަ ސަރުކާރު ހުއްޓުމަކަށް އައީ ޖަނަވަރީ މަހު އެވެ. އެފަހަރު ވަގުތިީ ބަޖެޓެއް ފާސްކޮށް ސަރުކާރު ހިންގަން ކޮންގްރެސް އިން ރުހުން ދިނެވެ. ދެން ސަރުކާރު ހުއްޓުމަކަށް އައީ ފެބްރުއަރީ މަހު އެވެ.

އެމެރިކާގެ ކުރީގެ ރައީ ބަރަކް އޮބާމާގެ ވެރިކަމުގައި 2013 ވަނަ އަހަރު ވެސް 16 ދުވަސް ވަންދެން އެމެރިކާ ސަރުކާރު ހުއްޓިފައި އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޮއްބެ

    ދިވެހިރާއްޖެވެސް ވަރަށް އަވަހަށް މި ކަމާ ކުރިމަތިލާން ޖެހޭނެއެވެ. އެހެނަސް އެއީ ބަޖެޓް ފާސް ނުވެގެނެއްނޫނެވެ. ރީނދޫ ދިއުޅިއެއްނުވާ ސަރުކާރުން ގެންގުޅޭ އިސްރާފުބޮޑު ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔާ ހުސްވެގެންނެވެ. ބަލަންތިބޭށެވެ.

  2. ސުހައިލް

    ރާއްޖޭގެ ސަރުކާރުވެސް ހުއްޓިއްޖެ މިއީ ޖަޒީރާ ޔޫއެސް

  3. ޢަހުމަދު

    ޢަންނި ކަހަލަ ބޯހަރު ބެޔެއްދޯ