އިޓަލީގެ ސިސިލީގައި ހުންނަ މައުންްޓް އެޓްނާ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވާ އެރި ބިންހެލުމުގައި 30 މީހުން ޒަޚަމްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫރަޕްގައި ހުންނަ އެންމެ އެކްޓިވް އެއް އަލިފާން ފަރުބަދަ ކަމަށްވާ އެޓްނާ ގޮވުމުން އައި ބިންހެލުމުގެ ބާރުމިން ވަނީ 4.8 މެގްނެޓިއުޑްގައި ރެކޯޑް ކުރެވިފައެވެ. މިގެ ކުރިން މިބިންހެލުމުގައި 2 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓް ކުރެވުނުކަމުގައި ވީނަމަވެސް، މިހާރު މިއަދަދު 30 އަށް އަރާ ކަމަށް އެޤައުމުގެ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

ބިންހެލުމުގެ ލޮޅުން އިޓަލީވިލާތުގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ވެސް އިހްސާސް ކުރެވުނެވެ. ނަމަވެސް އެހެން ގައުމަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އެޓްނާ ފަރުބަދަ އިން މިހާރު ވަރަށް ބޯކޮށް ދުން އަރަމުން ދާތީ ފަރުބަދަ ހުންނަ ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ކެޓާނިއާ އެއާޕޯޓް އިއްޔެ ވަނީ ބަންދުކޮށްފައެވެ.

މިފަރުބަދަ ވަނީ މިދިޔަ އަހަރުގެ މާޗް މަހު ވެސް ގޮވާފައެވެ. އެފަހަރު 10 މީހަކަށް އަނިޔާވިއެވެ. އޭގެ ކުރިން 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ވެސް ފަރުބަދަ ގޮވިއެވެ.

ކިޔުންތެރިންގެ ހިޔާލު