މެސެޑޯނިއާގެ ނަން އުތުރު މެސެޑޯނިއާގެ ނަމަށް ބަދަލު ކުރަން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މެސެޑޯނިއާގެ ނަން ބަދަލު ކުރަން ޤާނޫނު އަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްވީ 81 މެންބަރުންގެ ވޯޓުންނެވެ. ޤާނޫނު އަސާސީ އިސްލާހު ކުރަން 80 މެންބަރުންގެ ވޯޓް މަދުވެގެން ބޭނުން ވެއެވެ. އެހެންކަމުން ސަރުކާރުން ބޭނުންވި ގޮތައް މެސެޑޯނިއާގެ ނަން ބަދަލު ކުރަން ފާސްކުރެވުނީ ކިރިޔާއެވެ.

ގައުމުގެ ނަން ބަދަލު ކުރުމާއި ދެކޮޅަށް 29 މެންބަރުން ވޯޓް ދެއްވިއެވެ.

މެސެޑޯނިއާގެ ނަން އުތުރު މެސެޑޯނިއާގެ ނަމަށް ބަދަލު ކުރަން ޤާނޫނު އަސާސީ އިސްލާހު ކުރީ އެގައުމަށް ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަން ދިނުމަށް ގައުމުގެ ނަން ބަދަލު ކުރުން ގްރީސް އިން ޝަރުތު ކުރުމުންނެވެ. މެސެޑޯނިއާގެ ނަން ބަދަލު ނުކުރަނީސް ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަން އެގައުމަށް ދިނުމަށް ގްރީސް އިން އައީ ދެގޮޅު ހަދަމުންނެވެ. އެއީ ގްރީސްގެ އުތުރުގެ ސަރަހައްދަކަށް ވެސް މެސެޑޯނިއާ ކިޔާތީއެވެ.

މެސެޑޯނިއާ އިން މިނިވަންކަން އިއުލާން ކުރީ 1991 ވަނަ އަހަރު އެވެ. އޭގެ ފަހުން އެގައުމާއި ގްރީސް އާއި ދެމެދު ސިޔާސީ ދެބަސްވުންތައް އަބަދުވެސް އުފެދިފައި އޮވެއެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދެގައުމުގެ ސަރުކާރުން ވަނީ މެސެޑޯނިއާއަށް ޔޫރަޕް އިއްތިހާދުގެ މެންބަރުކަން ހޯދުމަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެސެޑޯނިއާ ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަން ހޯދަން ކުރިއަށް އޮތް ހަފްތާތެރޭގައި ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު