ކެނެޑާ މީހަކު މަރަން ޗައިނާ ކޯޓަކުން ޙުކުމް ކޮށްފިއެވެ. މިއީ މިހާރު ވެސް ގުޅުން ގޯސްވެފައިވާ ޗައިނާ އާއި ކެނެޑާގެ ގުޅުން އިތުރަށް ގޯސްވާނެކަމަށް ކަމެކެވެ. ޗައިނާ އާއި ކެނެޑާގެ ގުޅުން ގޯސްވީ ޗައިނާގެ ވާވޭ ކުންފުނީގެ ސީއެފްއޯ މެންގް ވެންޒޯ ކެނެޑާއިން ހައްޔަރު ކުރުމުންނެވެ.

ޗައިނާގެ ކޯޓަކުން މިއަދުގެ މަރުގެ ޙުކުމް އިއްވާފައި ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވި ރޮބަޓް ލޮއިޑް ޝެލެންބާގް އަށެވެ. ރޮބަޓް 15 އަހަރަށް ޖަލަށް ލުމަށް މިދިޔަ މަހު ޗައިނާ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ. މިއަދު އޭނާގެ މައްޗަށް މަރުގެ ޙުކުމެއް އައީ ޖަލު ޙުކުމް އިސްތިއުނާފް ކުރުމުންނެވެ.

ރޮބަޓްގެ އިސްތިއުނާފް ޝަރީޢަތް ފެށީ އިއްޔެއެވެ. އެންމެ ދުވަހެއްގެ އަޑުއެހުންތަކަށް ފަހު މިއަދު ވަނީ ޙުކުމް އިއްވާފައެވެ.

ރޮބަޓް ބުނާ ގޮތުގައި އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ނޫނެވެ. އޭނާ ޗައިނާއަށް ދިޔައީ ފަތުރުވެރިއެއްގެ ގޮތުގައި ކަމަށާއި ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ތަރުޖަމާނަކަށް އޭނާ ގެންގުޅުނު ޗައިނާ މީހަކު ހަވާލު ކުރި އެއްޗެއް ކަމަށް ރޮބަޓް ވަނީ ކޯޓުގައި ބުނެފައެވެ.

"އަހަރެންނަކީ މަސްތުވާތެކެތީގެ ވިޔަފާރި ކުރާ މީހެއް ނޫން. އަހަރެންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން. އަހަރެންނަކީ ހަމަ އާދައިގެ މީހެއް." ރޮބަޓް ކޯޓުގައި ބުންޏެވެ.

ނަމަވެސް ޗައިނާގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ރޮބަޓަކީ ބައިނަލްއަޤުވާމީ ޑްރަގް ރިންގެއްގެ އިސް މެމްބަރެކެވެ.

ޗައިނާ އާއި ކެނެޑާގެ ގުޅުން ގޯސްވި މަހުން މިހާތަނަށް ޗައިނާ އިން ވަނީ ކެނެޑާގެ 15 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ދެމީހަކު ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލާފައެވެ.