ދުނިޔޭގައި މިހާރު ހުރިކަމަށް ބެލެވޭ އުމުރުން އެންމެ ދުވަސްވީ ފިރިހެންމީހާ މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބިނާގޮތުން މިމީހާއަކީ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ މަސާޒޯ ނޮނާކާއެވެ. އޭނާ މަރުވެފައިވަނީ 113 އަހަރުގައިއެވެ.

މަސާޒޯ ނޮނާކާ ކައިވެނި ކޮށްފައިވަނީ 1937 ވަނަ އަހަރުއެވެ. އޭނާއަށް ފަސްކުދިން ލިބިފައި ވެއެވެ. ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެންމީހާގެ ލަގަބު ދުނިޔޭގެ ރެކޯޑުފޮތުން މަސާޒޯ ނޮނާކާއަށް ދިނީ މިދިޔަ އަހަރުއެވެ.

މަސާޒޯ ނޮނާކާއާ އެއްބަނޑު އެއްބަފާ ހަ ފިރިހެނުންނާއި އަންހެނަކު ތިއްބެވެ. މަސާޒޯ ނޮނާކާ އުފަންވެފައިވަނީ 1905 ވަނަ އަހަރުއެވެ. އަދި މިއީ އިންޖީނުއެޅި މަތިންދާ ބޯޓު އުދުހެންފެށިތާ ދެ އަހަރު ފަހެވެ.

މަސާޒޯ ނޮނާކާ އުމުރުގެ ފަހުބައި ހޭދަކޮށްފައިވަނީ ޓީވީން ސޫމޯ ރެސްލިންގ ބެލުމާއި، ފޮނިއެއްޗެހި ކެއުމުގައި ކަމަށެވެ.

ޖަޕާން އަކީ ދުނިޔަގެ ލައިފް އެކްސްޕެކްޓެންސީ އެންމެމަތީ ގައުމަށެވެ. އެހެންވެ، މިހާތަނަށް ދުނިޔޭގައި ތިބި އުމުރުން އެންމެ ގިނަދުވަސްނީ ގިނަމީހުން ތިބީވެސް ޖަޕާނުގައެވެ.

ބައެއް ދިރާސާތަކުން ވަނީ ޖަޕާނުގައި އެްހާ އުމުރުން ދުވަސްވީ މީހުން ގިނައީ ސަބަބެއް ނެތިއެއް ނޫންކަމަށް ދައްކަވައިދީފައެވެ. އެގޮތުން ޖަޕާނުގައި އުމުރުން ދުވަސްވާން ފެށުމާއިއެކު މީހުން އެމީހުންގެ ކެއުމުގައި ލޮނު ހިމެނުން މަދުކޮށް ކެއުމުގެ އާދަކާދަތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެއީ ޖަޕާނުގެ ރައްޔިތުން އެހާ އުމުރު ދިގުވާ އެއް ސަބަބެވެ.

ދުނިޔޭގައި މިހާތަނަށް އެންމެގިނަދުވަހު ހުރިކަމަށް ކަށަވަރުވެފައިވަނީ ފަރަންސޭސި ރައްޔިތެއް ކަމަށްވާ ޖީން ލުއިޒް ކަލްމޭއެވެ. އޭނާ މަރުވެފައިވަނީ އުމުރުން 122 އަހަރުގައި 1997 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ