ޗައިނާގެ އަސްކަރިއްޔާ ވަރުގަދަކޮށް ޒަމާނީކުރުމަށް ކުރިއަށްދާ މަޝްރޫއުގެ ދަށުން އެގައުމުގެ އެއްގަމު ސިފައިންގެ އިންސައްތަ މަދުކުރަން ނިންމައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޗައިނާގެ އަސްކަރިއްޔާގައި 2.3 މިލިއަން ސިފައިން ތިބިއިރު އަލަށް މިގެންނަ ބަދަލާއެކު ޗައިނާގެ އަސްކަރިއްޔާއަކީ ޗައިނާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްވެ ހަރަކާތްތެރިވާނެ އަސްކަރިއްޔާއަކަށް ބަދަލުވާނެއެވެ.

މިހާރު ޗައިނާއިން ވަނީ އެގައުމުގެ ލަޝްކަރުތަކުގައި ތިބި ސިފައިންގެ އަދަދު 2 މިލިއަނަށް ތިރިކޮށްފައެވެ.

ޗައިނާއިން އަބަދުވެސް އިސްކަން ދީފައިވަނީ އެގައުމުގެ އަސްކަރިއްޔާއަކީ ދިފާއީ ލަޝްކަރެއްގެ ގޮތުގައި ބާއްވައި އެއްގަމު ސިފައިންގެ ލަޝްކަރުތައް ވަރުގަދަކުރުމަށެވެ. އަސްކަރިޔާއިން މަދުކުރި 3 ލައްކަ ސިފައިން މަދުކޮށްފައި ވަނީ އެއްގަމު ސިފައިންގެ ތެރެއިންނެވެ.

ޗައިނާއިން އަސްކަރިޔާގެ ސައިޒު ކުޑަ ކުރަން ނިންމާފައި މިވަނީ ތައިވާން ގެ މިލްކުވެރިކަމާއި މެދު ތައިވާންއާއި ޗައިނާއާއިދެމެދު މަޝްރަޚް ހޫނުވެފައިވަނިކޮށެވެ. ޗައިނާއިން ދައުވާކުރަނީ ތައިވާނަކީ ޗައިނާގެ އެއްބައިގެ ގޮތުގައި ބޭއްވުމަށެވެ.

ޗައިނާއިން ދެކުނު ކަނޑުގައި އެންމެ ފަހުން ބޭއްވި އަސްކަރީ ތަމްރީންތަކުގެ ސަބަބުން ތައިވާންގެ އިތުރުން އެހެން ގިނަ ގައުމުތަކަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ . ދެކުނު ޗައިނާ ކަނޑުން އަހަރަކު ފަސް ޓްރިލިއަނެއްހާ ޑޮލަރުގެ މުދާ އުފުލޭއިރު މިސަރަހައްދުން ބަޔެއްގެ މިލްކްވެރިކަމަށް ބްރޫނާއީ، މެލޭޝިޔާ، ފިލިޕީންސް، ތައިވާން އަދި ވިއެޓްނާމުން ދަނީ ދައުވާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު