ވެނެޒުއޭލާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުން އެގައުމު ދޫކޮށް ދިއުމަށް ވެނެޒުއުލާގެ ރައީސް ނިކޮލަސް މަދޫރޯ މުހުލަތެއް ދީފިއެވެ.

މަޑޫރޯ މި މުހުލަތު ދިނީ އެމެރިކާ އަޑީގެ އޮވެގެން ވެނެޒުއޭލާގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާތީ އާއި އެކު އެގައުމުގެ ވަގުތީ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ހުއާން އިއުލާން ކުރުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ނިންމުން ބަލައިގަތުމާއި ގުޅިގެންނެވެ.

ވަގުތީ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ބަލައިގަނެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަދޫރޯ އުފައްދާފައި ވަނީ ގާނޫނީ ސަރުކާރެއް ނޫން ކަމަށެވެ.

މި މަހު ކުރީ ކޮޅު ރައީސްކަމުގެ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި މަޑޫރޯ ވަނީ އެމެރިކާ އާއި އޮތް ހުރިހާ ގުޅުމެއް ކަޑާލާފައެވެ. ވެނެޒުއުލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެތައް ހާސް ބަޔަކު އިއްޔެވެސް ވަނީ މަގުތަކަށް ނުކުމެފައެވެ.

އިދިކޮޅު ލީޑަރުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ހުއާން ވިދާޅުވީ ގައުމު މިނިވަންވަންދެން މުޒާހަރާގެ ބައިވެރިން މަގުތަކުގައި ތިބޭނެ ކަމަށެވެ. އޭނާ ވަނީ ސަރުކާރުގެ އަމުރުތަކަށް ސަލާމަތީ ބާރުތަކުން ކިޔަމަން ނުވުމަށް ގޮވާލައިފަ އެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

މި ދިޔަ އަހަރު އޯގަސްޓް މަހު ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައިވެސް އޮތީ އެމެރިކާ ކަމަށް ވެނެޒުއޭލާއިން ވަނީ ތުހުމަތު ކޮށްފައެވެ.