ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ނިމުނުތާ މިހާރު ހަ މަސްދުވަހަށްވުރެ އިތުރުވެއްޖެއެވެ. ވޯލްޑް ކަޕުގެ ވާހަކަތައްވެސް މިހާރު ދައްކާ އުޅެނީ ވަރަށް މަދުންނެވެ. ވޯލްޑް ކަޕަށްފަހު ރަޝިޔާވެސް އާއްމު ހާލަތަށް ރުޖޫއަވިތާ އެތައް ދުވަހެކެވެ.

އެހެންނަމަވެސް، ވޯލްޑް ކަޕުގެ ސަބަބުން އަދިވެސް އެޤައުމަށް ދަނީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. އެއީ، ވޯލްޑް ކަޕް ބަލަން އެކި ޤައުމުތަކުން އެޤައުމަށް ދިޔަ 5000 އަށްވުރެ ގިނަ މީހުން އަދިވެސް ރަޝިޔާގައި އުޅުމެވެ.

ވޯލްޑް ކަޕަށް ރަޝިޔާ އަށް ދިއުމަށްވަނީ ވިސާގެ ކަންކަން ވަރަށް ބޮޑަށް ލުއިކޮށްފައެވެ. އެދުވަސްވަރު ފޭން އައިޑީ ކާޑުތަކެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ވިސާ ދިޔައީ ޖަހަމުންނެވެ. ރަޝިޔާގެ އިންޓީރިޔާ މިނިސްޓްރީގެ އިމިގްރޭޝަން ކަންކަމާ ބެހޭ ވެރިޔާ، އަންދްރޭ ކަޔުޝިން ބުނެފައިވާ ގޮތުން، މިދިޔަ އަހަރު ނިމުމާއެކު ކާޑުގެ މުއްދަތު ހަމަވިއިރުވެސް 12،000 މީހުން އުޅެމުންދިޔައެވެ.

އޭގަފަހުން ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެޤައުމުގައި އުޅެމުންދާ މިފަދަ މީހުންގެ އަދަދު ވަނީ 5500 އަށް ދަށްކޮށްފައެވެ. އެއީ ކާޑު ދޫކުރި 650،000 މީހުންގެ ތެރެއިންނެވެ.

ކަޔުޝިން ބުނެފައިވާ ގޮތުގައި މިހާރު ތިބި މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މާރިޗު 30 ގެ ކުރިން މި އެންމެން ޑީޕޯޓް ކޮށްލެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފަސޭހަ ވިސާ ބޭނުންކޮށްގެން އެތެރެވި ބައެއް ފަރާތްތަކަކީ ފުޓުބޯޅަ ބަލައި އައި މީހުންކަމުގައިވިޔަސް، އެކަމުގެ ނާޖާއިޒު ބޭނުންކޮށްގެން އެހެން ބޭނުންތަކަށް އެޤައުމަށް އެތެރެވި މީހުންވެސް އޭގެތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީޑީ ޖޖޖޖ

    މިގައުމުގަ އެބައުޅޭ ވިސާނެތި ހަތްދިހަ ހާސް މީހުން. އިދާރާތައް ނިދައިފަ...