އެމެރިކާ މީހަކު ސްނޯއިން ގަނޑުވެގެން މަރުވެއްޖެއެވެ. މިމީހާ ގަނޑުވެފައި އޮއްވާ ފެނިފައިވަނީ އެމެރިކާގެ މިޗިގަންގެ ޑެޓްރޮއިޓް ސިޓީއިންނެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ މަރުވެފައިވާ ސަބަބު އަދި ސާފުވެފައިނުވާ ކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ އުޅޭ ގޭގެ ކައިރިން ކަމަށެވެ. އަދި 70 އަހަރުގެ މިމީހާ ފެނިފައިވަނީ ގޭ ބޭރުން ކަމަށާއި ގެއިން ބޭރަށް ނިކުތް ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާ ކަމަށްވެސް އެޤައުމުގެ ފުލުހުންނާއި ހަވަލާދީ ސީއެންއެންއިން ބުނެފައިވެއެވެ. ސީއެންއެންއިން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ ފެނުނު އިރު އޮތީ ހަށިގަނޑު މުޅިން ގަނޑުވެފައެވެ. އަދި މި މީހާ ފެނުނު ދުވަހު އެޤައުމުގެ ފިނި ހޫނުމުން ހުރީ -21 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައެވެ. މިފަދަ ހާލަތެއްގައި މީހާގެ ހަށީގަނޑަށް ހަރަކާތް ނުގެނެސް ހުރެފިނަމަ މީހާ ގަނޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންއަންނަ ފިނީގެ ތޫފާނުގައި މިހާތަނަށް 11 މީހަކު އެކިސަބަބުތަކާހުރެ މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި އެޤައުމުގެ ޑެޓްރޮއިޓް ސިޓީއިން މިފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު މިއީ ފަސްވަނަ މީހާއެވެ. މީގެ ކުރިން ޔުނިވަރސިޓީގައި ކިޔަވަމުން އައި ދަރިވަރަކުވެސް ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ.

އެމެރިކާގެ މޫސުން މިއަންނަ ހަފްތާގެ ތެރޭގައި ހަމައަކަށް އެޅޭނެ ކަމަށް ލަފާ ކުރެވޭއިރު، އެމެރިކާގެ ކޯރުތައް ގަނޑުވެ، މަގުތައް ބަންދުވެ، ބައެއް ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު