އެމެރިކާގެ ރައީސް ވެރިކަމަށް އިންތިޚާބު ވުމ ކުރިން އެމެރިކާއާއި މެކްސިކޯ އާއި ދެމެދު ބޯޑަރުގައި ފާރެއް އިމާރާތް ކުރާނެ ކަމަށް ބުނި ވަޢުދު ފުއްދަން އެޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފިއެވެ.

ޓްރަންޕް ކުއްލި ހާލަތު ޢިއުލާންކޮށްފައިވަނީ އެޤައުމުގެ ޤާނޫން ހަދާ މަޖިލިސް، ކޮންގްރެސް އަދި ސެނެޓުން، ފާރު އިމާރާތް ކުރުމަށް ބޭނުންވާ ބަޖެޓް ފާސްކޮށް ނުދިނުމުން، އެބަޖެޓް ހޯދުމުގެ ގޮތުންނެވެ.

އެމެރިކާގެ ރައީސް ބުނެފައިވަނީ، މިދަނޑިވަޅުގައި ފާރެއް ރޭނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެމެރިކާއަށް މިދަނީ ޤަވާއިދާ ޚިލާފަށް މީހުން އެތެރެވަމުން. މިމީހުންގެ ސަބަބުން ގޭންގްތައް އިތުުރުވޭ. މަސްތުވާ ތަކެތިވެސް އެތެރެ އެބަކުރޭ ބޯޑަރު ހުރަސްކޮށް." ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާން ކުރަމުން ޓްރަންޕް ބުނެފައިވެއެވެ. ޓްރަންޕް ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރާ ކަމަށާއި މިކަން ކޯޓުންވެސް އޭނާ ކާމިޔާބު ކުރާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މިހާރު ބަޖެޓްގައި ހުރި ބައެއް ކަންކަން ގައުމީ ސަލާމަތައްޓަކައި ޚަރަދު ކުރުމުގެ އިހްތިޔާރު ރައީސް އަށް ލިބިގެންދާނެއެވެ. ބަޖެޓަށް ބަދަލު ގެންނަން މިހާލަތުގައި ކޮންގްރެސް އާއި ސެނެޓްގެ ރުހުން ރައީސް އަށް ބޭނުމެއް ނުވާނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރަންޕް ބުނެފައިވަނީ މިހާރު އެމެރިކާ މިދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. މީގެ ކުރީގެ ސަރުކާރު ތަކުން ކަންކޮށްފައިވާ ގޮތުން އެމެރިކާގެ ދުވެލި މަޑު ޖެހެމުން އަންނަ ކަމަށްވެސް ޓްރަންޕް ބުނެފައިވެއެވެ.

އެމެރިކާގެ ސަރުކާރު މީގެ މަހެއްހާ ދުވަސް ކުރިންވަނީ ހުއްޓުމަކަށްވެސް އައިސްފައެވެ. އެއީ ޤާނޫން ހަދާ މަޖިލީހުން ފާސްކުރި ބަޖެޓް ރައީސް ތަޝްދީޤް ނުކުރުމާ ގުޅިގެންނެވެ. އެފަހަރު ސަރުކާރުވަނީ 35 ދުވަހަށް ހުއްޓިފައެވެ. އޭގެ ފަހުން ޓްރަންޕްވަނީ ގޮތް ދޫކޮށް ފެބްރުއަރީ 15 ވަނަ ދުވަހާއި ހަމައަށް އެމެރިކާގެ ބަޖެޓް ފާސްކޮށްފައެވެ. މިރޭ އެމެރިކާ ގަޑިިން 12 ޖަހާއިރު، މިހާރު އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލް ތަޝްދީޤް ނުކޮށްފިނަމަ އަނެއްކާވެސް އެޤައުމުގެ ސަރުކާރު ހުއްޓުމަކަށް އަންނާނެއެވެ. އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުންވަނީ މިއަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ޚަރަދު ކުރަންވީ ބަޖެޓް އެކުލަވާ ލާފައެވެ. ނަމަވެސް މިބަޖެޓްގައިވެސް ފާރު ރޭނުމަށް ފައިސާ ޚަރަދު ކުރުމަށް ނިންމާފައިއެއް ނުވެއެވެ. ނަމަވެސް ފެންސްގައި ދަގަނޑު ހަރު ކުރުމަށް 1.3 މިލިޔަން ޑޮލަރު ޚަަރަދު ކުރުމަށްވަނީ ނިންމާފައެވެ.

ރައީސް ޓްރަންޕް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުން އެޤައުމުގެ އިދިކޮޅު ޕާޓީ، ޑިމޮކްރަޓިކް ޕާޓީ އިން އެމައްސަލަ ކޯޓަށް ވެއްދުމަށްވަނީ ނިންމާފައެވެ. މިއީ 1976 ގައި އެމެރިކާގެ ޤާނޫންގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރު އެމެރިކާގެ ރައީސުންނަށް ދިނުމަށްފަހު އެކަން ކުރި 58 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު