ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ޕާކިސްތާނަށް މިއަންނަ މަހުގެ ތެރޭގައި ދަތުރެއް ރާވާފައިވާ ކަމަށް ޕާކިސްތާނުގައި ހުންނަ ތުރުކީގެ ސަފީރް ތަލްގާ އުކާ ވިދާޅުވެއްޖެއެވެ.

ތުރުކީއާއި ޕާކިސްތާނާގެ ވިޔަފާރިވެރިންގެ ސެމިނާއެއް އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ރައްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ސަފީރް ވިދާޅުވީ، ރައީސް އުރުދުޣާންގެ ރަސްމީ ދަތުރުފުޅެއް، ޕާކިސްތާނަށް ކުރެއްވުމަށް ނިންމާފައިވާ ކަމަށާއި މިދަތުރުފުޅުގައި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމަށެވެ.

ސަފީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިދަތުރުފުޅުގައި ޕާކިސްތާނާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވުންތަކެއް އެކުލަވާލާނެ ކަމަށާއި، އަސްކަރިއްޔާގެ ގޮތުން ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް ޓެކްނޮލޮޖީ އަދި އެހެނިހެން ދާއިރާތަށް ކުރިއެރުވުމަށް މާލީ އެހީތެރިކަން ދެއްވާނެ ކަމަށެވެ.

އުރުދުޣާން ޕާކިސްތާނަށް ދަތުރުފުޅެއް ކުރުއްވުމަށް ނިންމަވާފައިމިވަނީ އިންޑިޔާއިން ޕާކިސްތާނު ބޭރު ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އެކަހެރިކޮށްލާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު