ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފޭރިގަތުމަށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުންދާ ހަމަލާތަކާއި ކުރިމަތިލާން ޖެހޭނީ ކެރިގެން އެންމެން އެކީގައި ކަމަށް ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ، އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެއެވެ.

މިއަދު އިރު ޣައްޒާއަށް އިރުއޮއްސެމުންދިޔަ ވަގުތުގައި އިސްރާއިލްގެ ސިފައިން ކުއްލިގޮތަކަށް ޣައްޒާގެ މަތިން އަސްކަރީ ހެލިކަޕްޓަރާއި މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ދޭން ފެށި ރަހުމުކުޑަ ހަމަލާތަކާއި ގުޅިގެން ހަނިއްޔާ ވިދާޅުވީ، މިވަގުތަކީ އެންމެން އެކުގައި ޤައުމީ ޖިހާދަށް ނިކުންނަން ވީ ވަގުތު ކަމުގައި އާއި، މަސައްކަތް ކުރަން ވާނީ ފަލަސްތީނާއެކު ތިބި އަރަބި ކޯލިޝަގެ އިރުޝާދުގެ މަތިން ކަމަށެވެ.

"ފަލަސްތީނުގެ ބިން ހިފުމަށް ދެމުންދާ ހަމަލާތަކާއި ކުރިމަތިލާން ޖެހޭނީ އަރަބި ކޯލިޝަންގެ އިރުޝާދުގެ މަތިން ގައުމީ ޖިހާދެއްގެ ގޮތުގައި އެންމެން ގުޅިގެން،" ހަނިއްޔާ ވިދާޅުވިއެވެ.

ދާދި ދެންމެއަކު އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އިސްރާއިލް ސިފައިން ދަނީ ޣައްޒާގެ ވަކި ސަރަޙައްދަކަށް ބެލުމެއް ނެތި ބޮން އަޅައި އިމާރާތްތައް ބިމާއި ހަމަކުރަމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުންނެވެ.

ފަަލަސްތީނުގެ މީޑިއާތައް ބުނާގޮތުގައި، ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އިންޝުރެންސް ކުންފުނިތައްވެސް ހިމެނެއެވެ. އަދި އެ އިމާރާތުގައި އާއްމުން ދިރިއުޅޭ ފަންގިފިލާއެއްވެސް ހިމެނޭއިރު، އެ އިމާރާތް ބިމާއި ހަމަވުމުގެ ކުރިން އެ އިމާރާތުގައި ދިރިއުޅޭ އާއްމުން ވަނީ ސަލާމަތްކޮށްފައެެވެ. އިސްރާއީލްގެ ހަމަލާތައް ފެށުމުގެ ކުރިން ހަމާސް އިން ވަނީ މުހިންމު އިމާރާތްތައް ހުސްކޮށްފައެެވެ.

ޣައްޒާގެ އިމާރާތެއްގައި އަލިފާން ރޯވެފައި
ޣައްޒާގެ އިމާރާތެއްގައި އަލިފާން ރޯވެފައި

މިއަދު އިސްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދޭން ފެށި ވަރުގަދަ ބޮމުގެ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ސިއްޚީ ޚިދުމަތްދޭ އިދާރާތައް މިހާރު ވަނީ އެލާޓަށް ގެނެސްފައެވެ. މި ހަމަލާތައް ދިގު މުއްދަތަކަށް ދެމިގެން ގޮސްދާނެކަމުގެ އިންޒާރު އިސްރާއީލުން ވަނީ ދީފައެވެ.

ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ރަހުމު ކުޑަކޮށް އެތައް ބަޔަކު މަރަމުންދާ މި ދަނޑިވަޅުގައި، މި ހަމަލާތަކުގެ ފަހަތުގައި ހުރި ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ މިވަގުތު ދަނީ އެޤައުމުގެ އަސްކަރިއްޔާގެ އިސް ވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރަމުން ކަމަށް ވެއެވެ. މި ހަމަލާތައް ދެމުން ދަނީ ސީދާ އޭނާގެ އިރުޝާދުގެ ދަށުންނެވެ.

ޣައްޒާއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން މިހާރު ޣައްޒާ ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު