ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައިސް އިމާރަތަތަކަށް ލޮޅުން އަރައިފިއެވެ.

ޓައިވާނަށް މި ބިންހެލުން އައިސްފައިވަނީ 6.4 ގެ ބާރުމިނުގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ. މި ބާރުގަދަ ބިންހެލުމަށްފަހު އެކިފަހަރު ލޮޅުންތައް އެރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ބިންހެލުން އައީ ޓައިވާންގެ ހޫލިއަން ސިޓީގެ ބިމުގެ 11 ކިލޯމީޓަރު އަޑިއަށެވެ.

ޓައިވާންގެ މޫސުމާއި ބެހޭ އިދާރާއިން ބުނާގޮތުގައި މި ބިން ހެލުމަކީ ޓައިވާންގައި މިއަހަރު އައި އެންމެ ބޮޑު ބިން ހެލުމެވެ. މިބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު އަދި ދީފައެއް ނުވެއެވެ. ނަމަވެސް ބައެއް ނޫސްތަކުން ބުނާގޮތުގައި ބިންހެލުމުގައި ބައެއް އިމާރަތްތަކުގައި ވަރަށް ބޮޑަށް ވަނީ ރެނދު އަޅާފައެވެ.

ބިންހެލުމުގެ ބާރުގަދަ ކަމުން ވެރިރަށް ޓައިޕެއިގެ ގިނަ އަދަދެއްގެ އިމާރަތްތަކަށް ލޮޅުން އެރިއެވެ. ބިންހެލުމުގެ ސަބަބުން ގިނަ ސްކޫލުތަކެއްގެ ކިޔެވުން މެދުކަޑާލައި ވަނީ ހުސްކޮށްފައެވެ.

އެގައުމަށް އެންމެ ބޮޑު ބިންހެލުމަށް އައިސްފައިވަނީ 1999 ވަނަ އަހަރު އެވެ. އެއަހަރުގެ ސެޕްޓެމްބަރ މަހު އައި 7.6 މެގްނިޓިއުޑް ގެ ބިން ހެލުމުގައި 2600 މީހުން މަރުވެ ގިނަ ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު އެގައުމަށް އައި ބިންހެލުމެއްގައި 100 އަށް ވުރެން ގިނަ މީހުން މަރުގެ ބޮޑެތި ގެއްލުންތަކެއް ވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް އިތުރު ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ.