އަވައްޓެރި ސްރީލަންކާގައި މިރޭ ވެސް 20:00 އިން ފަތިހު 04:00 އަށް ކާފިއު އިއުލާންކޮށްފިއެވެ.

ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

ލަންކާ ގައި އިއްޔެ ދިން ހަމަލާތަކާއި ގުޅިގެން ރޭ ވެސް އިރުއޮއްސި 18:00 އިން ފެށިގެން މިއަދު ހެނދުނު 06:00 އާއި ހަމައަށް ކާފިއު އިއުލާން ކޮށްފައި އޮތެވެ.

މިރޭ އަނެއްކާވެސް ކާފިއު އިއުލާން ކުރަން ނިންމީ ސަލާމަތީ ފިޔަވަޅު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް ލަންކާގެ ފުލުހުން ބުނެއެވެ.

ލަންކާގައި މިރޭ ވެސް ކާފިއު ހިންގަން ނިންމާފައި ވާއިރު އެމެރިކާ ސަރުކާރުން ވަނީ ލަންކާގައި އަދިވެސް ހަމަލާއެއް ދީފާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރޭ ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ ކުޑަ ކުޑަ އިންޒާރެއް ދިނުމަށް ފަހު ނުވަތަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވެސް ލަންކާގެ ބައެއް ސަރަހައްދުތަކުގައި ނިރުބުވެރި ހަމަލާތަކެއް ދިނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

ނިރުބުވެރިންގެ ހަމަލާތައް އަމާޒުވުން އެންމެ އެކަށީގެން ވަނީ ފަތުރުވެރިން އާއްމުކޮށް އެއްވާ ސަރަހައްދުތަކަށާއި، ދަތުރު ފަތުރުކުރުމަށް ބޭނުން ކުރާ އެއާޕޯޓް، ބަސް ސްޓޭޝަން، ރޭލް ސްޓޭޝަން، މާރުކޭޓް، ބޮޑެތި ޝޮޕިން މޯލްތައް، ސަރުކާރުގެ އިދާރާތައް، ހޮޓާތައް، ކްލަބްތައް، ރެސްޓޯރެންޓްތައް، އަޅުކަން ކުރާ ތަންތަން، ސަގާފީ ހަރަކާތްތައް ބާއްވާ ތަންތަން އަދި އާއްމުން އެއްވެ އުޅޭ އެހެނިހެން ސަރަހައްދުތަކަށް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެއެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290 އަށް އަރާފައެވެ. އެހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު