ސްރީލަންކާގެ އަށް ސަރަހައްދެއްގައި އިއްޔެ ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއި ގުޅިގެން މިއަދު އިތުރު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ހައްޔަރު ކުރި މީހުންގެ ތަފްސީލް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަދު ހައްޔަރު ކުރި މީހުންނަކީ ބޮމުގެ ހަމަލާތައް ދިނުމަށްޓަކައި ޖާނުންފިދާވި މީހުންނާއި ގާތް ގުޅުން ބާއްވަމުން އައި މީހުންނެވެ.

ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައި ވަނީ ކަންޑަނާ ސަރަހައްދުންނެވެ. އޭނާގެ އަތުން "ކޮމިއުނިކޭޝަން ޑިވައިސްއެއް" ފެނުނު ކަމަށް ލަންކާގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެޑިވައިސްގެ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ. އެހެންކަމުން އެއީ ބޮންތައް ގޮއްވާލުމުގައި ބޭނުން ކުރި އެއްޗެއް ކަމެއް ނުވަތަ ބޮން ގޮއްވި މީހުންނާއި މުއާމަލާތް ކުރަން ބޭނުން ކުރި އެއްޗެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އަނެއް ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ ގަމްޕޮލާ އިންނާއި ކަޓުގަސްޓޮޓާ އިންނެވެ.

އިއްޔެ ވަނީ ބޮމުގެ ހަމަލާތަކާއި ގުޅިގެން 24 މީހަކު ހައްޔަރު ކޮށްފައެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން އެންމެންގެ ބަންދުގެ މުއްދަތު ވެސް ވަނީ އަންނަ މަހުގެ 06 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން މިރޭ 00:00 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވަނީ ނިންމާފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެކު ބޮމުގެ ހަމަލާތަކާއި ގުޅޭ އޮޕަރޭޝަންތައް ހިންގަން ސިފައިންނާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު