ދިވެހިން ވެސް ވަރަށް ގިނައިން ދިރިއުޅޭ ސްރީލަންކާގެ ކޮލްޕިޓިއާ ސަރަހައްދުން މިއަދު ހެނދުނު ފެނުނީ ގޮވާއެއްޗެއް ނޫންކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

ކޮލްޕިޓިއާ ސަަރަހައްދަކީ ގިނަ އަދަދެއްގެ ޝޮޕިން މޯލްތަކާއި އެޕާޓްމަންޓް ކޮމްޕްލެކްސްތައް ވެސް ހުންނަ ސަރަހައްދެކެވެ. އަދި އެއީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި ވެސް ކައިރި ސަރަހައްދެކެވެ.

ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ ގޮވާ އެއްޗެއް ކަމަށް ޝައްކު ކުރެވޭ ޕެކޭޖެއް ކޮލްޕިޓީ ރެއިލްރޯޑް ސްޓޭޝަން ސަރަހައްދުން ފެނިފަައިވާ ކަމަށާއި ސަލާމަތީ ބާރުތަކުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ސަރަހައްދަށް ނުދިއުމަށް އިތިމާސްކުރާކަމަށް ވެސް އެމެރިކާގެ އެމްބަސީން ހެނދުނު ބުންޏެވެ.

ނަމަވެސް އެމެރިކާގެ އެމްބަސީން ފަހުން ކުރި ޓްވީޓެއްގައި ވަނީ އެއީ ގޮވާއެއްޗެއް ނޫންކަން ކަށަވަރު ވެފައިވާ ކަމަށެވެ.

ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އިއްޔެ ވެސް ބައެއް ސަރަހައްދުތަކުން ވަނީ ގޮވާތަކެތި ހޯދާފައެވެ. އިއްޔެ ގޮވާތަކެތި ފެނުނު ތަންތަނުގެ ތެރޭގައި ދިވެހިން ދިރިއުޅޭ އެޕާޓްމެންޓް ކޮމްޕްލެކްސް އެއް ވެސް ހިމެނެއެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިއަދުވެސް ބައެއް ތަންތަން ފާސްކުރާނެ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެއެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ. އަދި ހަމަލާތައް ދިނުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ 30 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު