ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މަގާމުން ދުރުކުރާނެ ކަމަށް ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

ސިރިސޭނަ މިހެން ވިދާޅުވީ ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ސިރިސޭނަ ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ވެރިން މަގާމުން ދުރުކުރަން ނިންމީ ކުރިއަށް އޮތްތަނުގައި ނިރުބުވެރި ހަމަލާތަކުން ގައުމު ސަލާމަތް ކުރަން ކަމަށެވެ.

ސިރިސޭނަ ވިދާޅުވީ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ހިންގުމުގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

"ކުރިއަށް ހަފްތާތަކުގެ ތެރޭގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެވޭނެ. އަޅުގަނޑު މިއުއްމީދު ކުރަނީ ސަލާމަތީ ބާރުތަކުގެ ވެރިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބަދަލު ކުރެވޭނެ ކަމަށް." ބޮމުގެ ހަމަލާތަކަށް ފަހު ފުރަތަމަ ފަހަށް ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވިދާޅުވިއެވެ.

ސިރިސޭނަ ވިދާޅުވީ ލަންކާ އަށް ނިރުބުވެރި ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ލަފާކުރެވިގެން ބޭރު ގައުމަކުން ލަންކާ އާއި ހިއްސާކުރި ޖާސޫސީ މައުލޫމާތު އޭނާ އަށް ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

"ބޭރު ގައުމެއްގެ ފަރާތުން ލިބުނު ޖާސޫސީ މައުލޫމާތުތައް ސަލާމަތީ ކަންތައްތަކާއި ބެހޭ އޮފިޝަލުން އަޅުގަނޑާއި ހިއްސާކޮށްފައެއް ނެތް. އެމައުލޫމާތު އަޅުގަނޑަށް ދެއްވާފައި ނުވާތީ އެ އޮފިޝަލުންނާއި މެދު ފިޔަވަޅު އަޅަން އަޅުގަނޑު ނިންމައިފިން." ސިރިސޭނަ ވިދާޅުވިއެވެ.

ލަންކާ އަށް އާދީއްތަ ދުވަހު ބޮމުގެ ހަމަލާތަކެއް ދީފައި ވަނީ އެފަދަ ހަމަލާތަކެއް ލަންކާގައި ދީފާނެ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާ އިން ލަންކާގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވަނިކޮށެވެ. އިންޑިއާ އިން ޖާސޫސީ މައުލޫމާތުތަކާއި ގުޅިގެން ލަންކާ އިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ލަންކާ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 321 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    މިދަނީ އަދި ކިރިޔާ ދާންވާ ގޮތަށް!

  2. އައްބޭބެ

    އިންޑިޔާގެ އަތެއް ފަޔެއް ނުވާނެކަމަށް ޤަބޫލުކުރަންދަތި. ރާއްޖެއަށް ނޮވެމްބަރ 3 ގެ ހަމަލާދިނުމުގެ ކުރިން އިންޑިޔާއަށް އޮތީ އެކަންއެނގިފައިކަން ފަހުގެ ރިޕޯރޓްތަކުން ކަށަވަރުވޭ. މިއީ އިންޑިޔާގެ ނުފޫޒާއި ބާރު ސަރަޙައްދުގައި އިތުރުކޮށް މުސްލިމުންނަށް ދުއްތުރާކުރަން ފަށާފައިވާކަމެއް.

    15
    1
  3. ޒާ

    އިންޑިއާއިން ދަނީ މުސްލިމުން އެކަހެރި ކުރުމުގެ މާސްޓަ ޕްލޭނަކަށް ޢަމަލު ކުރަމުން. އެކަމުގެ ފަހަތުގައި އިޒްރޭލާއި އެމެރިކާ ވޭ. ލަންކާއަށް ހަމަލާ ދިނުމުން އިޒްރޭލް އެތަނަށް ފައިބާ ބަސްކިޔާ ހަދާވަރު ގިނަވެފައިވާތީ އެކަމުންވެސް އެއީ އިޒްރޭލުގެ ރޭވުމެއްނެތް ކަމެކޭ ނުބުނެވޭނެ. އެއީ އައިއެސްޖަމާއަތުގެ މަންމަ.

    12
    1