ހަމަނުޖެހުންތަކާއި ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުން ޔޫރަޕަށް ރެފިއުޖީން ދަތުރު ކުރަމުންދިޔަ ބޯޓެއް ކަނޑުވެ، އެއިން ދަތުރު ކުރި 50 އެއްހައި މީހުން ގެނބިގެން މަރުވެފައިވާ ކަމަށް އދ.ގެ މައިގްރޭޝަން އޭޖެންސީން ބުނެފިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 50 އަށް އަރާ ކަމަށް އެ އޭޖެންސީން މީޑިއާތަކަށް ކަށަވަރުކޮށްދީފައި ވާއިރު، 16 މީހަކު ސަލާމަތްވެފައިވާ ކަމަށް ބުނެފައި ވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޓިއުނީޝިއާގެ އައްސޭރިއާއި ދިމާލުން މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދަކުން އެ ބޯޓު ދަތުރުކޮށްފައި ދަނިކޮށެވެ. ބޯޓު އަޑިޔަށް ދިޔައީ ޓިއުނީޝިއާގެ އުތުރު އިރުމަތީގައި އޮންނަ ސިޓީއަކާއި 40 މޭލު ދުރުންނެވެ. ހާދިސާގައި 16 މީހަކު ސަލާމަތްވެފައި ވަނީ އެ ސަރަޙައްދުގައި އެވަގުތު އުޅުނު މަސްބޯޓެއްގެ އެހީތެރިކަން ލިބިގެންނެވެ.

އދ.ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ކަނޑުވި ބޯޓު ދަތުރު ފަށާފައި ވަނީ ލީބިޔާއިން ކަމަށެވެ.

ޓިއުނީޝިއާގެ ޑިފެންސް މިނިސްޓްރީން ވިދާޅުވީ، ރެފިއުޖީންނާއި އެކު އިއްޔެގެ ވަގުތެއްގައި މި ބޯޓު ދަތުރުފެށީ ލީބިޔާގެ ޒުވާރާގެ ބަންދަރަކުން ކަމަށެވެ. އަދި ބޯޓު ދަތުރުކުރަމުން ދިޔައީ އިޓަލީއަށް ކަމަށެވެ. ކަނޑުމަތީގެ މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ޓިއުނީޝިއާގެ ނޭވީން ހަރަކާތްތެރިވާން ފަށާފައިވާއިރު މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ހޯދާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މެދުއިރުމަތީގެ އެކި ޤައުމުތަކުން ރެފިއުޖީން ދަތުރުކުރާ ބޯޓުތައް ކަނޑުވެ މީގެ ކުރިންވެސް މިފަދަ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި ވެއެވެ. އާންމު ގޮތެއްގައި ބޯޓުގައި ކަނޑައެޅިފައި އޮންނަ ޖާގައަށްވުރެ އިތުރަށް މީހުން އަރުވައިގެން މިގޮތަށް ރެފިއުޖީން ދަތުރުކުރާއިރު، މި މީހުންނަކީ ހަމަނުޖެހުން ބޮޑުވުމުން، އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅުން ބިނާކުރުމުގެ އުންމީދުގައި ހިޖުރަކުރާ މީހުންނެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނެފައިވާގޮތުގައި ލީބިޔާއިން ޔޫރަޕްގެ ޤައުމުތަކަށް ހިޖުރަ ކުރި މީހުންގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް 2297 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި ކަނޑުމަގުން މިދިޔަ އަހަރު ލައްކައަކަށްވުރެ ގިނަ ރެފިއުޖީން ޔޫރަޕްގެ ޤައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.