ކަނޑުގެ ސަރަޙައްދަކަށް އައި ބިންހެލުމެއްގެ ލޮޅުންތައް އިސްރާއީލުގެ ބައެއް ސަރަޙައްދުތަކަށް އަރައިފިއެވެ.

އިސްރާއިލްގެ ނޫސްތައް ބުނާގޮތުގައި މި ލޮޅުންތައް ވަނީ އެޤައުމުގެ މެދުތެރޭގެ ބައެއް ހިސާބުތަކާއި ހަމައަށްވެސް އަރާފައެވެ. އެގޮތުން ލޮޅުންތައް އިހުސާސް ކުރެވިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެޤައުމުގެ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައެވެ.

ރޭގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ، އިސްރާއިލްގެ އުތުރު އައްސޭރީގެ ދެ ސިޓީއެއް ކަމަށްވާ ހަދީރާ އާއި ހައިފާގެ އައްސޭރި އާއި 200 ކިލޯމީޓަރު ދުރުން ކަނޑުގެ އަޑިޔަށެވެ. އެޤައުމުގެ ޖިއޯފިޒިކަލް އިންސްޓިޓިއުޓުން ބުނެފައިވާގޮތުގައި އެ ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 4.6 ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމެއް ނޫސްތަކުގައި ބުނެފައެއް ނުވެއެވެ. އެ އިދާރާތަކުން ބުނެފައިވާގޮތުގައި މި ބިންހެލުމުގެ އަސަރު އިސްރާއިލްގެ ބޮޑު ބަޔަކަށް ކުރި ނަމަވެސް ވަރުގަދަ ލޮޅުންތަކެއް އިހުސާސް ކުރެވިފައި ނުވާކަމަށެވެ.

އެންމެ ފަހުން އިސްރާއީލަށް ބިންހެލުމެއް އައިސްގެން ރެކޯޑު ކުރެވިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ރެކްޓަރ މިންގަނޑުން 3.6 ގެ ބާރުމިނުގައި އައި އެ ބިންހެލުން ވެސް އައިސްފައި ވަނީ އެޤައުމުގެ އުތުރުގެ ސަރަޙައްދަށެވެ.

ކިޔުންތެރިންގެ ހިޔާލު