އިންޑޮނީޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި މި ބިންހެލުންތައް އައިސްފައި ވަނީ އިންޑޮނީޝިއާގެ އެންމެ އިރުމަތީ ފަޅީގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ ޕަޕުއާ ނަމަށްކިޔާ ޖަޒީރާރަށްތަކަށާއި، އެ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އޮންނަ ޕަޕުއާ ނިއު ގިނީއަށެވެ.

މި ދެބިންހެލުމުގެ ތެރެއިން ފުރަތަމ ބިންހެލުން އައިސްފައި ވަނީ ޕަޕުއާ ނިއު ގިނީއަށް ރެކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައެވެ. ނަމަވެސް ބިންހެލުންތައް މޮނިޓާ ކުރާ ބައެއް އިދާރާތަކުން ފަހުން ވަނީ މި ބިންހެލުމުގެ ބާރުމިން 5.9 އަށް ތިރިކޮށްފައެވެ. އެ ބިންހެލުން އައިސްފައިވަނީ އެ ސަރަޙައްދުގެ ބިމުގެ 60 ކިލޯމީޓަރު އަޑިންނެވެ. އަދި ދެވަނަ ބިންހެލުން އައީ އިންޑޮނީޝިއާގެ ޕަޕުއާ ޕްރިވިންސަށް ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި، ބިމުގެ 35 ކިލޯމީޓަރު އަޑިންނެވެ.

މި ދެ ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު އަދި ނެރެފައެއް ނުވެއެވެ. އަދި ބިންހެލުންތައް އައި ސަރަޙައްދަށް ލިބުނު ގެއްލުމެއްވެސް މިހާތަނަށް ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިންޑޮނީޝިއާ ކައިރިޔަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފައި މިވަނީ، މިރޭ އިންޑިއާ ސަރަޙައްދުގެ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވޭ ނިކޮބާ އައިލޭންޑްސް އަށްވެސް ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވަނިކޮށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މި ސަރަޙައްދަށް އަންނަ ބިންހެލުންތައް އިތުރުވެފައިވާއިރު، މީގެ ތިން ދުވަސް ކުރިންވެސް ޕަޕުއަ ނިއުގިނީއަށް ރެކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުމާއި ގުޅިގެން ގެއްލުން ބޮޑު ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް ނެރެފައި ވެއެވެ. ނަމަވެސް އެ އިންޒާރު ފަހުން ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު