މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދުންފަތާއި ރަލާއި އޫރުމަހުން ނަގާ ޓެކްސް 100 އިންސައްތަ ބޮޑުކުރުމަށް އޮމާނުން ނިންމައިފިއެވެ.

ދުންފަތާއި ރަލާއި އޫރުމަހުގެ އިތުރުން، އެނަރޖީ ޑްރިންކްސްއާއި ކާބޮނޭޓަޑް ޑްރިންސްއިން ނަގާ ޓެކްސްވެސް ބޮޑުކުރުމަށް އޮމާނުން ވަނީ ނިންމާފައެވެ.

ދުންފަތާއި ރަލާއި އޫރުމަހުން ނަގާ ޓެކްސް ބޮޑުކުރުމަށް އޮމާނުން ނިންމާފައި މިވަނީ، އެޤައުމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްކަމަށް ރިޕޯޓްތަށް ބުނެއެެވެ. މީގެ އިތުރުން އެނަރޖީ ޑްރިންކްސްއިން ނަގާ ޓެކްސް 100 އިންސައްތައަށް ބޮޑުކުރާއިރު، ކާބޮނޭޓަޑް ޑްރިންކްސްއިން ނަގާ ޓެކްސް 50 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މި ބާވަތްތަކުގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުން ދައުލަތަށް 260 މިލިއަން ޑޮލަރު އާމްދަނީއެއް ލިބޭނެކަމަށް އެގައުމުގެ ސަރުކާރު ބުނާއިރު މިއަހަރު އެޤައުމުގެ އިޤްތިޞާދު 2.1 އިންސައްތައިން 2.3 އިންސައްތައަށް ކުރިއަރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޢަރަބި އެހެން ޤައުމުތަކުންވެސް ދަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޢަރަބި ބައެއް ޤައުމުތަކުގައި ރަލާއި، އޫރުމަހާއި، ދުންފަތާއި، އެނާރޖީ ޑްރިންކްސްއިން ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ.