ކޮންޓްރޯލް ގެއްލިފައިވާ ޗައިނާގެ ޖައްވީ އިދާރާ "ޓިއެންގޮންގް-1" ވެއްޓޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަރަޙައްދުތަކުގެ ތެރޭގައި އިރުމަތީ އޭޝިއާ ހިމެނިއްޖެއެވެ.

"ޓިއެންގޮންގް-1" ވެއްޓޭނީ އެމެރިކާ ސަރަޙައްދަށް ކަމަށް ކުރީގައި ބެލެވިފައިވީނަމަވެސް، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އިން ބުނެފައިވަނީ، އެ އިދާރާ ޗައިނާގެ ވެރިކަންކުރާ ބެއިޖިންގަށްވެސް ވެއްޓުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި "ޓިއެންގޮންގް-1" ދުނިޔޭގެ ކޮންމެވެސް ސަރަޙައްދދެއްގައި ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވާއިރު، އީއެސްއޭއިން ވަނީ އެ އިދާރާ ޖެހޭނެ ކަމަށް ބެލެވޭ ސަރަޙައްދުތައް "ޑޭންޖަރ ޒޯން"ގެ ގޮތުގައި ކަނޑައަޅާފައެވެ. އޭގެތެރޭގައި ބެއިޖިންގެ އިތުރުން ނިއުޔޯކާއި ބާސެލޯނާ އާއި ޗިކާގޯ އާއި އިސްތަމްބޫލުގެ އިތުރުން ރޯމް އަދި ޓޮރެންޓޯ ހިމެނެއެވެ.

"ޓިއެންގޮންގް-1"ގެ ބޮޑުމިނާއި އެ އިދާރާ ވެއްޓޭއިރު ދަތުރުކުރާ ބާރުމިނަށް ބަލާއިރު، ދުނިޔޭގެ ވައިގެ ފަށަލަތަކުން އެ އިދާރާގެ ހުރިހައި ބައެއް އަނދައި އަޅިއަށްވެގެން ނުދާނެ ކަން ވަނީ ޔަޤީންކުރެވިފައެވެ. އެހެންކަމުން އެ އިދާރާގެ ބައިތަކާއި އޭގައިވާ ވިހަ މާއްދާތައް، "ޑޭންޖަރ ޒޯން"ގައި ހިމެނޭ މީހުން ގިނަ ސަރަޙައްދަކަށް ވެއްޓިއްޖެނަމަ އޭގެ ނުރައްކާ ބޮޑުވާނެ ކަމަށް ދިރާސާވެރިން ބުނަމުންދެއެވެ.

ބަރުދަނުގައި 8.5 ޓަނު ހުންނަ "ޓިއެންގޮންގް-1" ދުނިޔޭގެ ވައިގެ ފަށަލަތައް ހުރަސްކޮށް ވެއްޓޭއިރު އެ އިދާރާ ބިމާއި ދިމާލަށް ދަތުރުކުރާނީ ގަޑިއަކު 27،000 ކިލޯމީޓަރުގައި ކަމަށް ވެއެވެ.

2011 ވަނަ އަހަރުގެ ތެރޭގައި ލޯންޗް ކުރެވުނު "ޓިއެންގޮންގް-1"ގައި އެންމެ ފަހުން އެސްޓްރޮނޯޓުންތަކެއް ޙަރަކާތްތެރިވެފައި ވަނީ 2013 ވަނަ އަހަރުގައެވެ. އެއަށްފަހު ދިމާވި ޓެކްނިކަލް މައްސަލައެއްގައި އިދާރާގެ ކޮންޓްރޯލް ގެއްލި ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސީރު

    މިއީ އަސްލައްވެސް ވަރައް ނުރައްކާތެރި ކަމެއް ، ސަބަބަކީ ރާއްޖެޔާ ދިމާލައް މީގެ މިސްރާބު ހުރެ ހިކިފަސްތަނަކައް ވެއްޓިއްޖެނަމަ އެތަނެއް ފޮހެވިގެން ދާނެކަމުގެ ބިރު ވަރައްވެސް ބޮޑު.

  2. އަލީ.

    މާލެޔައް ސީދާކުރައްވާށި އެއީ މިރާއްޖޭގެ ހަލާކު

  3. މޫސާ

    މާމިގިލި އަށް ވެއްޓިއްޖިޔާ ބަރާބަރު.

  4. އިސްމާއީލް

    ދުނިޔެއާއި ކިހާ ދުރުމިއްގައި ވާ ޖައްވީ އިދާރާއެއްބާ ގަޑިޔަކު 27000 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރާއިރު 2016 އިން ފެށިގެން ދަތުރުކުރާ އިރު ނުވެއްޓި އަދިވެސް ދަތުރު ކުރަނީ

    • ޓެކުނިސަން

      ދުނިޔޭގެ ވައިގެ ފަށަލަތައް ހުރަސްކޮށް ވެއްޓޭއިރު އެ އިދާރާ ބިމާއި ދިމާލަށް ދަތުރުކުރާނީ ގަޑިއަކު 27،000 ކިލޯމީޓަރުގައި ކަމަށް ވެއެވެ.

    • ވާނުވާ

      ލިޔުން ރަނގަޅަށް ކިޔާލަން ފެނޭ