އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ދުވަސްވީ ހަމަނުޖެހުން ހަމައަކަށް އެޅުވުމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ކުރެން އެދިފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ހަދާފައިވާ ދޮގު ކަމަށް އިންޑިޔާއިން ބުނެފިއެވެ.

އިންޑިޔާގެ ފޮރިންގް މިނިސްޓަރީން ބުނެފައިވަނީ، އެމެރިކާގެ ރައީސްއާ އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށާއި އިންޑިޔާއާއި ޕާކިސްތާނާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސްއާ ވާހަކަ ދެއްކި ނަމަަވެސް، ސުލްހައިގެ މަސައްކަތުގައި އެހީތެރި ކަމަށް އެދިފައިނުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް އިއްޔެ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންއާއެކު ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މީގެ ދެ ހަފްތާ ކުރިން އިންޑިޔާގެ ބޮޑު ވަޒީރު ޓްރަންޕް ކުރެން އެދެޤައުމުގެ މައްސަލައިގައި ބައިވެރިއަކަށް ވުމަށް އެދިފައިވާ ކަމަށެވެ،

އަދި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ސުލްހަ ކުރަން ކުރާ މަސައްކަތުގައި އެހީތެރިވެވޭނީ އެެމެރިކާ ފަދަ ބާރު ގަދަ ޤައުމަކަށް ކަމަށްވެސް ޓްރަންޕް ބުނެފައިވެއެވެ.

ޓްރަންޕްގެ މިވާހަކަތަކާއެކު އިންޑިޔާގެ ސިޔާސީ އިސްފަރާތްތަކުންދަނީ ޓްރަންޕަށް ފާޑު ކިޔަމުންނެވެ. މިގޮތުން ބުނަމުންދަނީ އެމެރިކާގެ ރައީސަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ކަމަށެވެ.

އިންޑިޔާއާއި އެމެރިކާއާއި ދެމެދު ގާތް ގުޅުމެއް މޯދީ އަދި ޓްރަންޕް ބާއްވަމުން އަންނަކަން ފާހަގަކޮށްލެެވެއެވެ. ނަމަވެސް މިވާހަކަތަކަށްފަހު މިގުޅުމަށް ބުރޫ އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ ފޮޓޯގައި ތި ތިބި ދެ މީހުން މާ ލޯބިން ދެއްކެން ތި ތިބެނީ ކީއްވެ!~

    5
    1