ފަލްސްތީނާއި އިސްރާއީލާ ގުޅޭ ސަރަހައްދީ އިމުގެ ކައިރީގައި ހުކުރު ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާއަށް އިސްރާއީލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 17 މީހުން ޝަހީދުކޮށްލުމާއި ގުޅިގެން އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ތައުރީފު ކުރައްވައިފިއެވެ.

މުޒާހަރާގައި ޝަހީދުވީ ފަލަސްތީނުގެ ރައްޔިތުންގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު ނަތަންޔާހޫ ވަނީ މި އިންސާނިއްޔަތާއި ހިލާފު ޖަރީމާ ދިފާއުކޮށް އިސްރާއީލު ސިފައިންނަށް އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކާފައެވެ. ނަތަންޔާހޫ ވަނީ އޭނާގެ ސިފައިންނަށް ޝުކުރު އަދާކޮށް އިއްޔެ އާއި މިއަދު އިސްރާއީލުގެ ރައްޔިތުންނަށް މިނިވަންކަމާއެކު ހަފްތާ ބަންދު ހޭދަކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ އުދުވަނީ ސިފައިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާ ތެރެއަށް ލައިވް ވަޒަން ބޭނުންކޮށްގެން ބަޑިޖަހާފައެވެ. ވަޒަން ޖެހުމުގެ ސަބަބުން 1،500 މީހުން ވަނީ ޒަހަމްވެފައިވާކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

ބައިނަލް އަގްވާމީ ދުނިޔެއިން ވަނީ ކަންބޮޑުވުން ފާޅުކޮށް އިސްރާއީލު ސިފައިންގެ އަނިޔާވެރި އަމަލު ކުށްވެރިކޮށްފައެވެ. އަދި ވިލާތުގެ އިއްތިހާދުންވެސް ވަނީ ފަލަސްތީނުގެ ރައްޔިތުން ގަޔަށް ބަޑިޖެހި މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގުމަށް ގޮވާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު