އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަޙައްދަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ ޕާކިސްތާނުގެ ސަރަޙައްދީ އިމުގެ ކައިރިން، އަފްޣާނިސްތާނުގެ ހިންދުކަޝް ނަމަކަށްކިޔާ ސަހަރަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމި އިދާރާއެއް ކަމަށްވާ ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ހިންދުކަޝް ސަރަޙައްދަށް މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.8 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ ބިމުގެ 226 ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ހިންދުކަޝް ސަރަޙައްދަކީ، 3500 ކިލޯމީޓަރަށް ދިގުދެމިގެންދާ، މެދުތެރޭ އޭޝިއާގެ އަށް ޤައުމެއްގެ ސަރަޙައްދީ ބޯޑަރު ގުޅޭ ހިސާބެއްގައި އޮންނަ ފަރުބަދަމަތީ ސަހަރެކެވެ. މި ސަރަޙައްދަކީ އާންމުން ވަޒަންވެރިވެ ދިރިއުޅޭ ސަރަޙައްދެއް ނޫންކަމުން، މިއަދު އައި ބިންހެލުމުގައި ބަޔަކަށް ގެއްލުން ލިބުނު ކަމަށް ބެލެވިފައެއް ނުވެއެވެ.

މިއަދު ރެކްޓަރ މިންގަނޑުން 5.8 ގެ ބިންހެލުމެއް އަފްޣާނިސްތާނަށް އައިސްފައިވާއިރު ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސްތެރޭ، ރެކްޓަރ މިންގަނޑުން 4.0 އާއި 5.1 އާއި ދެމެދުގެ ބިންހެލުންތައް އެޤައުމަށް އަންނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު