ޖައްވީ އިންޑަސްޓްރީގައި ވަރުގަދަ ބާރެއްގެ ގޮތުގައި ކުރި އަރަމުން އަންނަ އިންޑިޔާއަށް ދިގު މުއްދަތަކަށްފަހު ފުރަތަމަ ފަހަރަށް އެ ގައުމުގެ ސެޓެލައިޓެއް ގެއްލިއްޖެއެވެ.

އެ ސެޓެލައިޓަކީ މީގެ ދެ ދުވަސްކުރިން ލޯންޗުކުރެވުނު ޖީ.އެސް.އޭ.ޓީ.6އޭ ގެ ނަން ދެވިފައިވާ ސެޓެލައިޓެކެވެ. އެ ސެޓެލައިޓްގެ މަގްސަދަކީ އިންޑިޔާގެ އަސްކަރީ ކަންކަމުގައި ކުރެވޭ މުއާސަލާތްތައް އިތުރަށް ރަނގަޅު ކުރުން ކަމުގައި ބެލެވިފައިވާއިރު 2066 ކިލޯގްރާމްގެ ބަރުދަންހުރި އެ ސެޓެލައިޓަކީ 2.7 ބިލިއަން ރުޕީސް ނުވަތަ 41.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން އިންޑިޔާއިން އުފެއްދި ސެޓެލައިޓެކެވެ.

އިންޑިޔާގެ ޖައްވީ އެޖެންސީކަމުގައިވާ އިސްރޯއިން ވަނީ ސެޓެލައިޓްއާއި ގުޅުން ކެނޑިފައިވަނީ ޕަވާރ ސަޕްލައިގެ މައްސަލައެއްގެ ސަބަބުންކަމަށާއި އަދިވެސް ގުޅުން އަލުން ގާއިމުކުރުމުގެ މަސައްކަތްކުރެވެމުންދާކަމަށް ހާމަކޮށްފައެވެ. އެ ސެޓެލައިޓްގެ ލޯންޗު ވަރަށް ކާމިޔާބު ލޯންޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް މިއީ 10 އަހަރު ދުވަހަށްވުރެ ގިނަ މުއްދަތެއްގެ ތެރޭގައި އިންޑިޔާއަށް ސެޓެލައިޓެއް ގެއްލިގެން ކުރިމަތިވި ފުރަތަމަ މައްސަލައެވެ.

އިންޑިޔާއަކީ ޖައްވީ އިންޑަސްޓްރީގައި ރެކޯޑްތައް މުގުރައި އެހެން ގައުމުތަކަށް ނުހޯދޭހާ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމަކީ ސޯލާރ ސިސްޓަމްގެ ޕްލެނެޓް މާރސްގެ އޯރބިޓަށް ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދެއް ފޮނުވާލި ފުރަތަމަ ގައުމެވެ. އަދި އެއް ފަހަރާ އެކި ސައިޒުގެ އެންމެ ގިނަ ސެޓެލައިޓް ލޯންޗުކުރި ގައުމުވެސްމެއެވެ.

އިންޑިޔާއިން މިދިޔަ ފެބްރުއަރީ މަހު 104 ސެޓެލައިޓާއިއެކު އެ ރެކޯޑް މުގުރާލިއިރު އެ ރެކޯޑް ކުރިން އޮތީ 37 ސެޓެލައިޓް 2014 ވަނަ އަހަރު އެއް ފަހަރާ ލޯންޗުކުރި ރަޝިޔާގެ އަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފޭސް

  ތީތި ފެނޭތޯ އިންޑިއާ ކަނޑުގެ ސަރަހައްދު ބަލާބަ. ދިވެހި މަސްވެރިން މީވަރަށް ފާޑެއްގެ ބައެއް. ފަހަތުންވެސް އަޅުވާލަފާނެ

 2. ރާކަނި ސައްތާރު

  ކިހިނެއް މިވީ. ބަޖާޖް ވީމާ ވާނީ މިހެން

 3. ކައުންސެލަރު

  ވާއ! ދަ ގްރޭޓް އިންޑިޔާ. ދެންތިޔާއެތި ވެއްޓޭނީ ބޮލަށް. އަދިވެސް ދުވަންވީ ޗައިނާ ފަހާ؟

 4. މިޔޯއ

  ޖައްވަށް ކުނިއެޅުން ހުއްޓުވަންވެއްޖެ