އަވައްޓެރި ސްރީލަންކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ވަރުގަދަ ކެންޑިޑޭޓްގެ ގޮތުގައި ފެނިގެން ދާނެ ކަމަށް ބެލެވިފައިވާ ގޮތަބަޔާ ރާޖަޕަކްސަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިއްޔެ ރަސްމީކޮށް ފައްޓަވައިފިއެވެ.

އުމުރުފުޅުން 70 އަހަރުގެ ގޮތަބަޔަކާ އަކީ ލަންކާގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަގެ ބޭބެއެވެ. ގޮތަބަޔާ އަކީ 26 އަހަރަށް ދިގުދެމިގެން ދިޔަ ލަންކާގެ އަހުލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިއިރު ޑިފެންސް މިނިސްޓަރެވެ.

އިއްޔެ އޮތް ކެމްޕޭން އެއްވުމެއްގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވަމުން ގޮތަބަޔާ ވިދާޅުވީ އޭނާގެ އެންމެ މުހިއްމު މަސައްކަތްޕުޅަކަށް ވާނީ ލަންކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ، އަދި އަޅުގަނޑު އެންމެ އިސްކަންދޭ ކަމަކަށް ވާނީ ލަންކާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ހައްދުފަހަނައަޅާފައިވާ ނިރުބުވެރިންގެ ކިބައިން ލަންކާ ސަލާމަތްކޮށްދިނުން." ގޮތަބަޔާ ވިދާޅުވިއެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ ލަންކާގެ ސަލާމަތައް ހުރި ނުރައްކާތައް ނައްތާލާ އަލުން އިޤުތިޞާދު ކޮޅަށް ޖައްސަވާނެ ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

ލަންކާގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން އަދި ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓެއް އިއުލާނެއް ނުކުރެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ގޮތަބަޔާ އާއި އެންމެ ވަރުގަދަ އަށް ވާދަކުރައްވާނީ މިހާރުގެ ހައުސިން މިނިސްޓަރ ސަޖިތް ޕްރަމަދޭސަ އެވެ. އޭނާ ވާދަކުރައްވާނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަމަށް ބެލެވެއެވެ. ސަޖިތް އަކީ ވެސް ނުފޫޒުގަދަ ބުޑިސްޓު ހާމުދުރުންގެ ތާއިދު އޮތް ބޭފުޅެކެވެ.

ގޮތަބަޔާ އަކީ ވެސް ނުފޫޒުގަދަ ބުޑިސްޓު ހާމުދުރުންނާއި ލަންކާގެ މެޖޯރިޓީ ކަމަށްވާ ސިންހަޅައިންގެ މެދުގައި މަގުބޫލް ބޭފުޅެކެވެ. ނަމަވެސް މައިނޯރިޓީން ކަމަށްވާ ތަމަޅައިންނާއި، މުސްލިމުންގެ މެދުގައި ގޮތަބަޔާ އަކީ މަގުބޫލް ބޭފުޅެއް ނޫނެވެ.

ލަންކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރ 08 އާއި ޑިސެމްބަރ 08 އާއި ދެމެދުގެ ތާރީޚެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު