ލަންކާގެ އެކި ސަރަޙައްދުތަކަށް މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކުގައި ބައިވެރިވި ނިރުބަވެރިއެއްގެ ބޯބުރި، އެޤައުމުގެ އަވަށެއްގެ ގަބުރުސްތާނެއްގައި ވަޅުލުމަށް ކޯޓުން އެންގުމުން ކުރަން ފެށި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި، ވަޅުލުމަށް ކޯޓުން އަންގާފައި ވަނީ އެޤައުމުގެ ބެޓިކޮލާ ސިޓީއަށް ހަމަލާދިން ނިރުބަވެރިޔާގެ ބޯބުރިއެވެ. އޭނާ އެ ސަރަޙައްދަށް ހަމަލާ ދިނީ ގައިގައި ބޮން ހަރުކޮށްގެން ޖާނުންފިދާވެގެންނެވެ. އެ ހަމަލާގައި އޭނާގެ ހަށިގަނޑުގެ ބަޔަކަށް ފެންނާން އޮތީ ހަމަ އެކަނި އޭނާގެ ބޯބުރިއެވެ.

ބެޓިކޮލާގެ ޒިއޯން ޗާޗަށް ހަމަލާދިން މި ނިރުބަވެރިޔާގެ ބޯބުރި އެ ސިޓީގެ ކަލިޔަންގަނޑު ގަބުރުސްތާނުގައި ވަޅުލާން ކޯޓުން އަންގާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއާއެކު އެ ސިޓީގެ އާންމުން ނިކުމެ ފެށި މުޒާހަރާ ހޫނުވެ ސަލާމަތީ ބާރުތަކާއި ބޮޑު ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، އެ ހަމަނުޖެހުން ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއިން އިއްޔެ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނާގޮތުގައި މި ހަމަނުޖެހުންތަކުގައި އަނިޔާވީ ދެ ފިރިހެނަކާއި ދެ އަންހެނަކަށެވެ. އެދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވީނަމަވެސް ފުލުހުން ބުނީ އެ މީހުންނަށް ބެޓިކޮލާ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

ބެޓިކޮލާގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދަނީ، އެ ސިޓިގެ ޗާޗަށް ހަމަލާދިން ނިރުބަވެރިޔާގެ ބޯބުރި އެހެން ސަރަޙައްދެއްގައި ވަޅުލުމަށް ގޮވާލައެވެ.

ޒިއޯން ޗާޗަށް ދިން ހަމަލާއަކީ ލަންކާއަށް އޭޕްރިލް މަހު ދިން ހަމަލާގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެއް ހަމަލާއެވެ. ގިނަ އަދަދެއްގެ ބަޔަކު އެ ޗާޗަށް ގޮސް ތިބި ވަގުތެއްގައި ހަށިގަނޑުގައި ބިން ހަރުކޮށްގެން ގޮއްވާލި ވަރުގަދަ ގޮއްވާލުމުގައި ޗާޗުގެ އެތެރޭގައި ތިބި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.

އޭޕްރިލް 21 ވަނަ ދުވަހު، ބެޓިކޮލާގެ ޒިއޯން ޗާޗް ހިމެނޭހެން ލަންކާގައި ބޮން އަޅައިގެން އަށް ސަރަޙައްދެއްގައި ހަމަލާދީފައި ވެއެވެ. އެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވިއިރު، 500 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް މި ސަރަޙައްދުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ، މުސްލިމުންގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުމާއި ލޭއޮހޮރުވުން ހިންގާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އިންނެވެ.