ހޮލެންޑުގެ ޑޯޑްރެޗްގައި ފުލުސް އޮފިސަރަކު ބަޑި ޖަހާ އޭނާގެ އާއިލާގެ 2 މީހުން މެރުމަށް ފަހު އަމިއްލަ އަށް މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި މިހާދިސާގައި ބަޑިން ހަމަލާ ދިން މީހާ ވަނީ އިތުރު މީހަކަށްވެސް ހަމަލާ ދީފައެވެ. އެމީހާއަށް އަންނަނީ ހެއިމަސްޓެއިން ސަރަހައްދުގެ ހޮސްޕިޓަލެއްގައި އެމަޖެންސީގައި ފަރުވާ ދެމުންނެވެ.

ފުލުހުންގެ ތަރުޖަމާނު، ވިމް ވޫންހޫޓް ބުނީ، ބޮޑަށް ލަފާކުރެވެނީ މިއީ އާއިލާ އެއްގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ހިނގި ހިތާމަވެރި ހާދިސާއެއް ކަަމަށެވެ. ހާދިސާ ހިނގި ވަގުތުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ގަޔަށް ބަޑި ޖަހަމުން އަންނަ ކަމަށް ބުުނެފައެވެ.

ނަމަވެސް ފުލުހުން ވަނީ ރަސްމީ ބަޔާނެއް މެދުވެރިކޮށް، ބަޑި ޖެހުމުގެ ހާދިސާ ގައި ތިން މީހުން މަރުވެ، އިތުރު މީހަކު ވަރަށް ބޮޑަށް ޒަހަމްވެފަވާ ކަން ކަށަވަރު ކޮށްދީފައި ވެއެވެ.

ޑޯޑްރެޗްގެ މޭޔަރު ވަނީ ބަޑި ޖެހުމުގެ ހާދިސާ އާއި ގުޅިގެން ވަގުތުން ޓުވީޓެއް ކޮށްފައެވެ.

"މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް، އަހަރެންވެސް މިދަނީ މިހާރު ހާދިސާ ހިނގި ސީން އަށް ދާންވެގެން" މޭޔަރު ޓުވީޓު ކުރިއެވެ.

ފުލުހުން އަންނަނީ މި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު