އެމެރިކާ ސަރުކާރުން އެގައުމުގެ އެމަޖެންސީ ތެލުގެ ރިޒާވް މާކެޓަށް ނެރެން ތައްޔާރު ވެއްޖެއެވެ.

އެމެރިކާ އިން މި ނިންމުން ނިންމާފައި މިވަނީ ޑްރޯން ހަމަލާ ތަކުގައި އިއްޔެ ސައުދީ އަރަބިއްޔާގެ ތެލުގެ އުފެއްދުމުގެ މަސައްކަތުގެ ބޮޑު ބައެއް މަޑު ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

"އަހަރެމެން މިއޮތީ ތައްޔާރަށް ތެލުގެ ރިޒާވުން ބައެއް މި ދަނޑިވަޅުގައި ނެރުމަށް، އެއީ ތެލުގެ މާރުކޭޓަށް ދިމާވެދާނެ އެއްވެސް ލޮޅުމަކުން އަހަރެމެންގެ އިގްތިސާދު ސަލާމަތް ކުރުމުގެ ގޮތުން." އެމެރިކާގެ ހަކަތަ އާއި ބެހޭ ވުޒާރާގެ ސެކްރެޓަރީ، ރިކް ޕެރީ ބުންޏެވެ.

އީރާނުން ވާގިވެރިވާ، ޔަމަނުގެ ހޫތީ ޖަމާޢަތުން ވަނީ ހޮނިހިރު ދުވަހު ސައުދީ 2 ތެޔޮ ކާރުޙާނާ އަކަށް ދިން ޑްރޯން ހަމަލާތަކުގެ ޒިންމާ ނަގާފައެވެ. ހަމަލާ ދިން 2 ތަނުގެ ތެރޭގައި ދުނިޔޭގެ ސާފުނުކުރާ ތެޔޮ ޕްރޮސެސް ކުރާ އެންމެ ބޮޑު ތެޔޮ ކާރުޙާނާ ގޮތުގައި މަޝްހޫރު ވެފައި އޮންނަ "އަބްޤައިޤް" ތެޔޮ ކާރުޙާނާ ހިމެނެއެވެ.

ޕެރީ ވަނީ އެމެރިކާ ސަރުކާރުގެ އެހެން އިދާރާތަކަށް ފްރާންސްގެ ޕެރިސްގައި ގާއިމުކޮށްފައިވާ ދުނިޔޭގެ ހަކަތައާއި ބެހޭ އޭޖެންސީ އާ ގުޅިގެން މިކަމުގައި ނިންމޭނެ ނިންމުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އިރުޝާދު ދީފައެވެ. ދުނިޔޭގެ ހަކަތައާއި ބެހޭ ޖަމިއްޔާ (އައި.އީ.އޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ސައުދީގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުންދާ ކަމަށާއި އަދި ދުނިޔޭގެ މާކެޓުގައި ތެޔޮ ނުލިބި ދަތިވާ ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށެވެ.

އެމެރިކާގެ ރަސްމީ ތެލުގެ ރިޒާވް ގާއިމްކޮށްފައި ހުންނަނީ ޓެކްސަސް އާއި ލޫޒިއާނާގެ ކަނޑުގެ ސަރަހައްދެއްގައި، ބިމު އަޑީގައެވެ. މިތަންތަން ގާޑު ކުރުމަށް އެތައް ސަތޭކަ ސިފައިންނެއް ގާއިމުވެފައި ތިބެއެވެ. އެ ރިޒާވްގައި މިހާރު 645 މިލިއަން ފީފާގެ ތެޔޮ ހުންނާނެކަމަށް އަންދާޒާ ކުރެއެވެ. އެއީ ގާތްގަނޑަކަށް އެމެރިކާ އަށް 1 މަސް ދުވަހަށް ބޭނުންޖެހޭ އަދަދެވެ. ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް ގައި ހިމެނޭ 2 ގައުމު ކަމަށްވާ އީރާނާއި، ވެނެޒުއާލާ އާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން އެ ދެ ގައުމުން ދުނިޔޭގެ މާކެޓަށް މިހާރު ތެޔޮ ސަޕްލައި ކުރާ މިންވަރު ވަރަށް ބޮޑަށް ވަނީ ދައްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިނިފެންމާސައީދު

    ރޔާމީން ރާއްޖެއިން ނެގި ތެޔޮތައްފޮނުވަދޭނަން..

    5
    16
  2. ޙައްހާ

    ޢޭރުވެސް އެގުނޭ ،.....މިއީ އެމެރިކާގެ ...ކަމެއްކަން....ސައުދީގެ ...ވަފާތެރި...ކެހިވެރިޔާ...

    17
  3. ޏަމްޏަމް

    އެމެރިކާ ތެލަށްޖެހެނީއެއްނޫން. އަރަބި ގައުމުތައް އެއްގައުމު އަނެއްގައުމާ ޖައްސާ ތެލުގެ ވިޔަފާރި ހަލާކުކޮށް ޔަހޫދީން ތެލުގެ ބާރު އެނަގަނީ. އަދިވެސް އަރަބިން ހޭއަރާކަށް ނުވޭތަ.

    20